ޚަބަރު
ކުރިއަށް ފަސް އޮތް ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސް ވާނެ: މެޓް
މާލެއަށް ވާރޭ ވެހުނު ދުވަހެއް. ފޮޓޯ: ސަން/ ފިޔާޒް މޫސާ
ކުރިއަށް އޮތް ފަސްދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާކަމަށެވެ. އަދި ގުގުރުމަކީވެސް އެކަށީގެންވާކަމެއްކަމަށެވެ.
ހުކުރު ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރުކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިއަދާއި މާދަމައަށްވުރެ ހުކުރު ދުވަހު މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށްެވެސް މެޓް އޮފީހުން ބުނެއެވެ.
އަދި ހޮނިިހިރު ދުވަހުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހިދާނެ ކަމަށާއި މޫސުން އެހާ ބޮޑަށް ގޯސް ވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.
ހޮނިހިރު ދުވަހު މޫސުން ކުޑަކޮށް ސާފުވެލިޔަސް އާދީއްތަ ހޯމަ އަދި އަންގާރައިގައި އަނެއްކާވެސް މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ ވާރޭ ވެހުނު ނަމަވެސް މާބޮޑަށް ވައިގަދަވެ ކަނޑުތައް ގަދަވެގެން ދާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.
“ވަރަށް ބޮޑަކަށް ވައިގަދަވެގެން ނުދާނެ، އާއްމު ވައި ގަދަވެގެންދާނެ ކަމަކަށް އަދި ލަފައެއް ނުކުރެވޭ އިނގޭތޯ އެހެންނަމަވެސް ވިލާ ގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ” މެޓް އޮފީހުން މައުލޫމާތު ދެމުން ބުނެފައިވެއެވެ.
އޭޕްރީލް މަހުގެ މިދުވަސް ވަރަކީ ދެމޫސުން ބައްދަލުވާ ދުވަސްވަރަށް ވެފައި ފާއިތުވެ ދިޔައީ ހޫނު ގަދަ ދުވަސް ވަރެއް ކަމުން މިދުވަސް ވަރު ވިއްސާރަވާއިރު ވިދުމާއި ގުގުރުމަކީ އާންމުކޮށް ވާކަމެއް ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ. އެހެން ކަމުން މިދުވަސްވަރު އަދިވެސް މިދުވަސްވަރި ވިދާ ގުގުރުމަކީ އެކަށީގެން ވާކަމެއް ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.
ރޭ ވިދުމާއި ގުގުރުމާއެކު ހުޅުމާލެއަށް ވަނީ ހޮނުއަޅައިފައެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ތ އަތޮޅާ ހިސާބަށް ހުދު ސަމާލުވެސް ނެރެފައިވެއެވެ.