ޚަބަރު
ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ހުށަހެޅޭ ކެޓަގަރީ އިތުރުކޮށްފި
ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތެއްގެ ތެރެއިން---
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ "ބިންވެރިޔާ" ޚާއްޞަ ސްކީމަށް ތިންވަނަ ކެޓަގަރީއެއްގެ ގޮތުން، ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ހުށަހެޅޭ ކެޓަގަރީ އިތުރުކޮށްފިއެވެ.
މި ބަދަލާ ގުޅިގެން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާންގައި ބުނީ، ކެޓަގަރީ ތިނެއްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ދެ ޙާލަތެއްގައި ކަމަށެވެ. އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކެވެ.
އަލަށް އިތުރު ކުރެވުނު ކެޓަގަރީއަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 10ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00އިން ފެށިގެންނެވެ. އަދި މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަނޑިއަކަށް ކަނޑައަޅާފައި ވަނީ 31 މޭއި 2026ވާ އާދީއްތަ ދުވަހުގެ 23:59އެވެ.
މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ https://boahiyaavahikan.housing.gov.mv/ ޕޯޓަލް މެދުވެރިކޮށެވެ.
އަލަށް އިތުރު ކުރެވުނު ކެޓަގަރީއާއެކު "ބިންވެރިޔާ" ސްކީމްގައި މިހާރު ހިމެނޭ ޚާއްޞަ ކެޓަގަރީތައް:
ކެޓަގަރީ 1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ މީހުން
ކެޓަގަރީ 2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު މީހުން
ކެޓަގަރީ 3: ބިންވެރިޔާ ސްކީމްގެ ދަށުން ލިބުނު ގޯތި ދޫކޮށް ފުލެޓަށް އެދޭ ސިންގަލް އެޕްލިކޭޝަނެއް ހުށަހެޅި މީހުން ނުވަތަ ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދޭ ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅި މީހުން
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ދަށުން ގިނަ ކެޓަގަރީތަކުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފަހު މުއްދަތު މިހާރު ވަނީ އަންނަ މަހު 31 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
ސަރުކާރުން "ބޯހިޔާވަހިކަން އެންމެންނަށް" އިޢުލާނު ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި ފޯމު ހުށައެޅުމަށް ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގައެވެ. ސަރުކާރުން ހުޅުވާލާފައިވަނީ 15،000 ގޯއްޗާއި 7،900 ފްލެޓަށެވެ.
އެ މަޝްރޫޢުގެ ދަށުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ޚާއްޞަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓު ހިމެނެއެވެ.