ޚަބަރު
އެމްއައިބީން މާލޭގައި އައު އޭޓީއެމްއެއް ހުޅުވައިފި
އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކުރުން/ފޮޓޯ: އެމްއައިބީ
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން މާލޭގައި އައު އޭޓީއެމްއެއް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.
މާލޭގެ އޯކިޑްމަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި ޤާއިމްކުރި މި އޭޓީއެމް ހުޅުއްވައިދެއްވީ އެމްއައިބީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ، އަޙްމަދު ރިޒާއެވެ.
މިއީ 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ލިބޭގޮތަށް ބަހައްޓާފައިވާ އޭޓީއެމްއެއްކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން މަޢުލޫމާތުދޭއިރު، މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާއާއި ޑޮލަރު ޖަމާކޮށް، އަދި ނެގޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ. ހަމަ އެހެންމެ، މި އޭޓީއެމް ބެހެއްޓި ސަރަޙައްދަކީ ގިނަ އޮފީސްތަކާއި ޖެޓީތައް ހިމެނޭ ސަރަޙައްދެއްކަމުން، މި އޭޓީއެމްގެ ސަބަބުން އެ ސަރަޙައްދުގައި މަސައްކަތްކުރާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްއައިބީން ބުނެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން އެ ބޭންކުގެ ޚިދުމަތްތައް މާލެ ސަރަޙައްދާއި އަތޮޅުތެރޭގައި ވެސް ފުޅާކުރަމުން އަންނައިރު، މާލެއާއި އަތޮޅުތެރޭގައި އިތުރު އޭޓީއެމްތައް ބެހެއްޓުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
މިއީ އާބާދީ ބޮޑު މާލޭ ސިޓީގައި އެ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއްކަމަށް އެ ބޭނުންކުން ބުނެއެވެ.