ޚަބަރު
ކޮންމެ ބުރާސްފަތި ދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕްރެސް ވިތް ދަ ސްޕޯކްސް"ގެ ފުރަތަމަ ޕްރެސް މިއަދު ބާއްވައިފި
"ޕްރެސް ވިތް ދަ ސްޕޯކްސް" ކުރިއަށްދަނީ. ފޮޓޯ: ރައީސް އޮފީސް
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޕްރެސް ވިތް ދަ ސްޕޯކްސް" ގެ ފުރަތަމަ ޕްރެސް ކޮންފަރެންސް މިއަދު ބާއްވައިފިއެވެ.
މިއަދު މި ސިލްސިލާގެ ފުރަތަމަ ޕްރެސް ކޮންފަރެންސް ބޭއްވިއިރު ޕްރެސް ކުރިއަށް ގެންގޮސްފައިވަނީ ޓެލެވިޜަން މޯލްޑިވްސްގައެވެ. މި ޕްރެސް ކޮންފަރެންސްގައި ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވަނީ ނޫސްވެރިންގެ އެކި އެކި ސުވާލުތަކަށް ޖަވާބުދެއްވައިފައެވެ.
މިފަދަ ޕްރެސް ކޮންފަރެންސް ތަކަކީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އަދި ނޫސްވެރިން ބޭނުންވާ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދެއްވުމަށާއި، ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ޕްރެސް ކޮންފަރެންސް ތަކެެއް ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހު 55 މިނިޓެއް ދިގުދެމިގެން ދާނެހެން މި ޕްރެސް ކުރިއަށްގެންދާނެއެވެ.
މިއަދުގެ ޕްރެސްގައި އެމަނިކުފާނު ވަނީ، ރައީސް ޑރ މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، މޭ މަހުގެ 3 އިން 6 އަށް އެ ޤައުމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
މިއަދުގެ ސެޝަންގައި ސަރުކާރުން މައުލޫމާތު ހިއްސާކުރުމަށް، ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން ގެ އިންސަޓަގްރާމް އަދި ޓިކްޓޮކް ގެ ރަސްމީ އެކައުންޓްވެސް ވަނީ އާއްމުކޮށްފައެވެ. މި އެކައުންޓްގެ ނަމަކީ "ދަ ފީޑް އެމްވީ'' އެވެ.
މިއީ މިހާތަނަށް ސަރުކާރަކުން ކޮށްފައި ނުވާ ކަމަކަށްވާއިރު މިސަރުކާރުން ދަނީ ނޫސްވެރިންނާއި ދާދިގާތުން މަސައްކަތް ކުރަމުންނެވެ.