ދުނިޔެ
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ފާއިތުވި 25 އަހަރުގެ ތެރޭގައި ނުވެއްޓެ ދަރަޖައަކަށް ވެއްޓިއްޖެ
ޣައްޒާގެ ނޫސްވެރިންގެ ހަނދާނުގައި ޣައްޒާގެ ބަޔަކު ފޮޓޯތަކާއެކު. ފޮޓޯ:އަލްޖަޒީރާ އަބޫ ރިއާޝް
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން، ފާއިތުވި ކުއާޓާ ގަރުނެއްހާ ދުވަހުގެ ތެރޭގައި ނުވެއްޓޭހާ ދަށް ދަރަޖައަކަށް ވެއްޓިފައިވާ ކަމަށް ފްރާންސްގެ ޕެރިހަށް ނިސްބަތްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރް.އެސް.އެފް) އިން ހާމަކޮށްފިއެވެ.2
މިއީ އެ ޖަމިއްޔާއިން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްއިން ދައްކާ ގޮތެވެ.
އާރް.އެސް.އެފް އިން 180 ގައުމެއްގެ ނޫސްވެރިކަމުގެ ހާލަތު ބަލަނީ ފަސް މިންގަނޑަކަށް ބަހާލައިގެންނެވެ. 2002 ވަނަ އަހަރު މި އިންޑެކްސް އެކުލަވާލަން ފެށި ފަހުން ފުރަތަމަ ފަހަރަށް، ދުނިޔޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގައުމުތައް މިހާރު ހިމެނެނީ ނޫސްވެރިކަމުގެ މިނިވަންކަން "ދަތި" ނުވަތަ "ވަރަށް ސީރިއަސް" ހާލަތެއްގައި އޮތް ގައުމުތަކުގެ ތެރޭގައެވެ. މިއީ ދުނިޔޭގައި ނޫސްވެރިކަން ކުށަކަށް ހަދަމުންދާ ކަމުގެ ސާފު ހެއްކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އާރް.އެސް.އެފް ގެ އެޑިޓޯރިއަލް ޑައިރެކްޓަރު އޭން ބޮކާންޑޭ ވިދާޅުވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ދިއުމުގެ މައިގަނޑު ސަބަބުތަކަކީ ޚުދުމުޚުތާރު ދައުލަތްތަކާއި، ގާބިލުކަން ނެތް ސިޔާސީ ބާރުތަކާއި، އިގްތިސާދީ ނުފޫޒުގަދަ ފަރާތްތަކުގެ އިތުރުން އެކަށީގެންވާ ގޮތެއްގައި ރެގިއުލޭޓް ނުކުރެވޭ އޮންލައިން ޕްލެޓްފޯމްތައް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަން "ރަނގަޅު" ފެންވަރެއްގައި އޮތީ އެންމެ ހަތް ގައުމެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ނޯވޭ، ނެދަލޭންޑްސް އަދި އެސްޓޯނިއާ އެވެ. އެމެރިކާ 64 ވަނައިގައި އޮތްއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނަށް ދެއްވާ ހަމަލާތަކަކީ ސިސްޓަމެޓިކް ސިޔާސަތަކަށް ބަދަލުކޮށްފައިވާ ކަމަށް އާރް.އެސް.އެފް އިން ފާހަގަކުރެއެވެ. މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި 220 އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލައިފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބޮކާންޑޭ ވަނީ ނޫސްވެރިކަން ކުށަކަށް ހެދުން ހުއްޓުވުމަށްޓަކައި ޑިމޮކްރެޓިކް ސަރުކާރުތަކާއި ރައްޔިތުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މިހާރު ހުރި ރައްކާތެރިކަމުގެ ނިޒާމުތައް އެކަށީގެންވާ ވަރަށް ވަރުގަދަ ނޫން ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ބާރު ކެނޑި، ކުށްވެރިންނަށް އަދަބު ނުލިބި ސަލާމަތްވުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ.
"ފިޔަވަޅު ނޭޅުމަކީ އެކަމަށް ތާއީދުކުރުން ފަދަ ކަމެއް،" ބޮކާންޑޭ ވިދާޅުވިއެވެ. ނަމަވެސް ޚުދުމުޚުތާރުކަން ފެތުރުމަކީ ހުއްޓުވޭނެ ކަމެއް ކަމަށް ވިދާޅުވެ އޭނާ ވަނީ އުންމީދީ މެސެޖަކުން ރިޕޯޓު ނިންމަވާލައްވާފައެވެ.