Ads by Farudhun

ޚަބަރު

ރައީސްގެ ލަންކާ ދަތުރުފުޅުގައި ވިސާގެ ދަތިތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރައްވަނީ

ރައީސްގެ ލަންކާ ދަތުރުފުޅުގައި ވިސާގެ ދަތިތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރައްވަނީ

މުޙައްމަދު ޙުސައިން ޝަރީފް (މުންދު) -- ފޮޓޯ : ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

30 އޭޕްރީލު 2026، 05:49

30 އޭޕްރީލު 2026، 05:49

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ވިސާގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމަށް އިސްކަންދެއްވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ވިދާޅުވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރައްވާ މި ދަތުރުފުޅު ތާވަލުކުރެވިފައިވަނީ މެއި މަހުގެ 3 އިން 6 އަށެވެ. މި ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހުރި ތަކްލީފުތަކަށް ލުޔެއް ހޯދައިދިނުމެވެ.

 ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، 2019 ވަނަ އަހަރު ލަންކާއަށް ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާއަށްފަހު އެ ގައުމުގެ ވިސާގެ އުސޫލުތައް ވަނީ ވަރަށް ބޮޑަށް ހަރުކަށިކޮށްފައެވެ. މީގެ ސަބަބުން ދިވެހިންނަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ވިސާ ހައްދާ ކޮންމެ ފަހަރަކު 200 ޑޮލަރު ދައްކަންޖެހުމާއި، 75 ޑޮލަރުގެ މެޑިކަލް ފީއެއް ނެގުމުގެ އިތުރުން، ބޮލަކަށް 1000 ޑޮލަރުގެ ޑިޕޮސިޓެއް ބަހައްޓަންޖެހުމަކީ ދިވެހި އާއިލާތަކަށް އުފުލަންޖެހިފައިވާ ބޮޑު ތަކްލީފެއް،" ޝަރީފް ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ މަޝްވަރާތައް ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ދުބާއީގައި ލަންކާގެ ރައީސާ ބައްދަލުކުރައްވައި ފަށްޓަވާފައެވެ. އަންނަ ހަފުތާގެ ދަތުރުފުޅުގައި މި މަޝްވަރާތައް އިތުރަށް ކުރިއަށްގެންގޮސް، އަމަލީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެއެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަދުވެގެން 7 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ އިންވެސްޓްމަންޓް ފުރުސަތުތައް ތައާރަފުކުރުމަށް ބާއްވާ ބިޒްނަސް ފޯރަމެއްވެސް މި ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާނެއެވެ.

މި ފޯރަމްގައި ދެ ގައުމުގެ ވިޔަފާރިވެރިން ގުޅުވައިދީ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިސް ބޭފުޅުން ހިއްސާކުރައްވާނެއެވެ. އަދި ދަތުރުފުޅުގެ ތެރެއިން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450