ޚަބަރު
ނަޝީދުގެ ބާރުވެރިކަމުގައި ނޫސްވެރިންނަށް ދިން އަނިޔާއާ ނިކަމެތިކަން އަދިވެސް ފިލައިގެން ނުދޭ
ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ފަރުދުން
ފަރުދުން
30 އޭޕްރީލު 2026، 10:40
30 އޭޕްރީލު 2026، 10:40
ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކަވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ބާރުވެރިކަމުގައި އެމްޑީޕީ ސަރުކާރުން ނޫސްވެރިންނަށް ދިން އަނިޔާ އާއި ނިކަމެތިކަން އަދިވެސް ފިލައިގެން ނުދާ ކަމަށް ބުނެ އެމަނިކުފާނަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކަވައި، ސަންގު ޓީވީގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ސްޓޭޝަނަށް ތައުރީފް ކުރެއްވުމުން، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ.
ސަންގު ޓީވީގެ އަހަރީ ދުވަހުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގެއް ކަމަށާއި، އެ ހައްގު ދިފާއުކުރުމުގައި ސަންގު ޓީވީން ކުރާ މަސައްކަތަށް "އައްސަރިބަހާއި ސާބަސް" ދޭ ކަމަށެވެ. ނަމަވެސް، އެމަނިކުފާނުގެ މި ވާހަކަފުޅަކީ އެއްވެސް އިހުލާސްތެރިކަމެއް ނެތް، އަދި މާޒީގެ ހަގީގަތްތަކާ މުޅިން ހިލާފު ވާހަކަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ޚާއްޞަކޮށް، ރައީސް ނަޝީދުގެ ނުފޫޒު އިންތިހާއަށް އޮތް އެމްޑީޕީގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދުވަސްވަރު ސަންގު ޓީވީގެ ނޫސްވެރިންނަށް ކުރިމަތިލާންޖެހުނު ބިރުވެރިކަމާއި އަނިޔާތަކުގެ ހަނދާންތައް މިއަދު ވަނީ އައުވެފައެވެ. އެ ސަރުކާރުގެ ދުވަސްވަރު، ހަބަރު ފެތުރުމުގެ މަސައްކަތުގައި އުޅުނު ސަންގު ނިއުސްގެ އެތަކެއް ނޫސްވެރިންނަށް މަގުމަތިންނާއި އެކި ގޮތްގޮތުން އަނިޔާކޮށް، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއަޅާފައިވާކަން ތާރީހުން ފެންނަން އެބައޮތެވެ.
ހަމައެއާއެކު "ދިޔަރެސް" ނޫހުގެ ނޫސްވެރިން ތިން ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކުރުމާއި، ކޯޓު އަމުރެއް ނެތި ފޯނު ކޯލުތައް އަޑުއެހުމާއި، އަދި ބޭރުގެ އެމްބަސީއަކަށް ދޭން އުޅުނު ބޮމުގެ ހަމަލާއެއްގެ ޓްވީޓަކާ ގުޅުވައި އޭނާގެ އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލި ކަމަށް ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން ސައްހަ މައުލޫމާތު ހޯދުމަށް ނޫސްވެރިން ކުރި މަސައްކަތްތަކަށް ހުރަސްއަޅައި، މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން އެތައް ނޫސްވެރިންނަކަށް ވަނީ ކޯޓުތަކުގެ ސިޑިބަރިތަކުގައި ވަގުތު ހޭދަކުރަން ޖެހިފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ "ޗެމްޕިއަނެއްގެ" ގޮތުގައި ރައީސް ނަޝީދު މިއަދު ފެންނަން މަސައްކަތް ކުރެއްވި ނަމަވެސް، އެމަނިކުފާނުގެ ސިޔާސީ ބާރުވެރިކަމުގައި ނޫސްވެރިންނަށް ދިން ނިކަމެތިކަމާއި އަނިޔާވެރިކަން މިއަދުގެ މުޖުތަމައު ހަނދާނެއް ނުނެތެއެވެ.
ސަންގު ޓީވީގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ކަމަކީ، ނަޝީދުގެ އަމިއްލަފުޅު މާޒީ ފޮރުވުމަށް ކުރެއްވި "ދަޅައެއް" ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނޫސްވެރިކަމުގެ ހައްގު ދިފާއުކުރާ ކަމަށް ވިދާޅުވާއިރު، އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިން ތަހައްމަލުކުރި ހިތްދަތި ކަންކަމަށް މައާފަށް އެދުމުގެ ބަދަލުގައި، މިފަދަ މެސެޖުތައް ދެއްވުމަކީ ބޮޑު "ޖޯކެއް" ކަމަށް އާންމުން ދަނީ ބުނަމުންނެވެ.