Ads by Farudhun

ޚަބަރު

މިލަންދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ 90 އިންސައްތަ ނިމިއްޖެ: މަސައްކަތް ކުރިއަށްދަނީ ބާރު ދުވެލީގައި

މިލަންދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ 90 އިންސައްތަ ނިމިއްޖެ: މަސައްކަތް ކުރިއަށްދަނީ ބާރު ދުވެލީގައި

މިލަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ފޮޓޯ : މުހައްމަދު ނާޝިދު ފޭސްބުކް

02 މޭ 2026، 10:04

ށ. މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމި، މަޝްރޫޢު ނިންމުމާ ގާތަށް ގޮސްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ނާޝިދު  ފޭސް ބުކްގައި ކުރި ޕޯސްޓެއްގައި ވިދޅުވީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިތާ އެންމެ 15 ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ.

މިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް މިހާ ހަލުވިކަމާއެކު ކުރިއަށްދަނީ ބޮސްކާލިސް ކުންފުނީގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ބޭނުންކޮށްގެންނެވެ. މިއީ މި ރަށުގެ ތަރައްޤީއާ ސީދާ ގުޅިފައިވާ، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވަޢުދުފުޅެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ރައީސް ޑރ. މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. ކުރިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު މަސައްކަތް ކުރިއަށްދަނީ ވަރަށް ބާރު ދުވެލީގައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމައި އޮޕަރޭޝަނަށް ގެނެވޭނެ ކަމުގެ 100 އިންސައްތަ ޔަޤީންކަން އެބައޮތް ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މިލަންދޫގެ ތަރައްޤީގެ ލިސްޓުގެ އެކަކުން ދިހައަކަށް ވެސް އޮތީ އެއާޕޯޓުގެ މަޝްރޫޢެވެ.

އެއާޕޯޓުގެ އިތުރުން، މިލަންދޫގެ ތަރައްޤީއަށްޓަކައި ގިނަ މަޝްރޫޢުތަކެއް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި:

50 ހައުސިންގ ޔުނިޓު އެޅުން.
ރަށުގެ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމާއި، ރިންގް ރޯޑެއް ތަރައްޤީކުރުން.
ސްޕޯޓްސް ކޮމްޕްލެކްސްއަކާއި ޒަމާނީ އިސްލާމީ މަރުކަޒެއް ބިނާކުރުން.
30 އެނދުގެ ހޮސްޕިޓަލަކާއި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރުން.
ރަށުގެ ބިން އިތުރުވާނެހެން ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް.
މި މަޝްރޫޢުތަކާއެކު މިލަންދޫއަކީ އަތޮޅުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މައި ހަބަކަށް ވެގެންދާނެ ކަމަށް މިލަންދޫގެ ރައްޔިތުން އުންމީދުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450