ދުނިޔެ

ކިއުބާއާ ދެކޮޅަށް އެމެރިކާއިން އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި

ކިއުބާއާ ދެކޮޅަށް އެމެރިކާއިން އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި

އެމެރިކާގެ ރައީސް ޓްރަމްޕް -- ފޮޓޯ : އޭބީސީ ނިއުސް

02 މޭ 2026، 11:55

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކިއުބާ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ފުޅާކުރުމުގެ ރިޔާސީ އަމުރެއްގައި ހުކުރު ދުވަހު ސޮއިކޮށްފިއެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލުންނާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނިންމުމަކީ ވެނެޒުއޭލާގެ ލީޑަރު މަގާމުން ދުރުކުރުމަށްފަހު، ހަވާނާއަށް ކުރިމަތިކުރާ ފިއްތުންތައް އިތުރުކުރުމުގެ މަގްސަދުގައި ނިންމާފައިވާ ނިންމުމެކެވެ.

އެމެރިކާއިން އަޅާފައިވާ މި އާ ފިޔަވަޅުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކިއުބާ ސަރުކާރުގެ ސަލާމަތީ ބާރުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށެވެ. މީގެ އިތުރުން ކޮރަޕްޝަނާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކުގައި ބައިވެރިވާ މީހުންނާއި ކުންފުނިތަކަށްވެސް މި ފިޔަވަޅުތަކުގެ އަސަރު ކުރާނެއެވެ. ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، ކިއުބާގެ އިގްތިސާދުގެ މުހިންމު ތަނބުތައް ކަމަށްވާ ހަކަތަ، ދިފާއީ، މައުދަން ނެގުން އަދި މާލީ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ކޮންމެ ފަރާތަކާ ދެކޮޅަށްވެސް މި ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މި ނިންމުމާ ގުޅިގެން ކިއުބާގެ ރައީސް މިގޭލް ޑިއާޒް-ކާނެލް ވަނީ ވަރަށް ބޮޑަށް އެމެރިކާއަށް ފާޑުވިދާޅުވެފައެވެ. އޭނާ ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، މިއީ އެމެރިކާއިން ކިއުބާއާ ދެކޮޅަށް ހިންގާ ލާއިންސާނީ އަދި އަނިޔާވެރި އަމަލެކެވެ. ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުގެ ގޮތުގައި އޮވެ، އެމެރިކާއިން ދައްކަމުންދާ ބިރުދެއްކުމާއި ބޮޑާކަމުގެ ސަބަބުން ކިއުބާގެ ގައުމީ މަސްލަހަތަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ސަރުކާރުން މި ފިޔަވަޅުތައް އެޅުމަށް ބަހަނާއެއްގެ ގޮތުގައި ދައްކަނީ، ކިއުބާއިން އީރާނާއި ހިޒްބުالله ފަދަ ޖަމާއަތްތަކާ ގާތް ގުޅުމެއް ބާއްވާ ކަމުގެ ތުހުމަތެވެ. އަދި އެމެރިކާގެ ސަރަހައްދީ އިންތަކާ ކައިރީގައި ބޭރުގެ ޖާސޫސީ އިދާރާތަކަށާއި ޓެރަރިސްޓް ހަރަކާތްތަކަށް ކިއުބާއިން ފުރުސަތު ދޭ ކަމަށްވެސް އެމެރިކާއިން ތުހުމަތުކުރެއެވެ. މީގެ ކުރިން ވެނެޒުއޭލާއަށް ފިއްތުންތައް ކުރިމަތިކުރުމަށްފަހު، ރައީސް ޓްރަމްޕް ވަނީ ދެން އޮތް އަމާޒަކީ ކިއުބާ ކަމަށް ވިދާޅުވެ އިންޒާރު ދީފައެވެ.

މާހިރުން ދެކޭ ގޮތުގައި، މިއީ އެމެރިކާއިން ކިއުބާއާ ދެކޮޅަށް މިހާތަނަށް އެޅި އެންމެ ހަރުކަށި ފިޔަވަޅުތަކެވެ. މި ނިންމުމުގެ ސަބަބުން ކިއުބާގައި އިންވެސްޓްކޮށްގެން އުޅޭ ތެލާއި ގޭސް އަދި ބޭންކިންގް ދާއިރާގެ ބައިނަލްއަގުވާމީ ކުންފުނިތަކަށް އިންތިހާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ގައުމުގެ އިގްތިސާދަށް އިތުރު ނުތަނަވަސްކަމެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450