ދުނިޔެ
ޖަރުމަނުގައި ތިބި އެމެރިކާގެ 5,000 ސިފައިން އަނބުރާ ގެންދަން ނިންމައިފި
ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރމްޕް-- ފޮޓޯ : ބީބީސީ
ޖަރުމަނުގައި ގާއިމުވެފައިވާ އެމެރިކާގެ ލަޝްކަރުގެ ތެރެއިން 5,000 ސިފައިން އަނބުރާ ގެންދިއުމަށް ނިންމާފައިވާކަން އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ހާމަކޮށްފިއެވެ.
ޕެންޓަގަންގެ އޮފިޝަލުން ހުކުރު ދުވަހު މިކަން އިއުލާނު ކުރަމުން ބުނީ، މި ސިފައިން އަނބުރާ އެމެރިކާއަށް ނުވަތަ އެހެން ގައުމުތަކަށް ބަދަލުކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ.
މި ނިންމުމުގެ އިތުރުން، ބައިޑަންގެ ސަރުކާރުން ވިލާތުގައި މިސައިލް ހަރުކުރި އާޓިލަރީ ޔުނިޓެއް ގާއިމުކުރުމަށް ރާވާފައި އޮތް ރޭވުންވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ. މި ބަދަލުތަކާއެކު ވިލާތުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު، 2022 ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށް ދަށްވާނެ ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ނެރުނު ބަޔާނެއްގައި ބުނީ، ސިފައިން ބޭލުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް އޮތް 6 މަހާއި 12 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މި ނިންމުމަކީ ވިލާތުގައި ތިބި ސިފައިންގެ ހާލަތު މުރާޖައާކުރުމަށްފަހު، އެ ސަރަހައްދުގެ މިހާރުގެ ބޭނުންތަކަށް ރިއާޔަތްކޮށް ނިންމި އިސްތިރާޖީ ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މި ނިންމުން އައިސްފައިވަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް ދެއްކި ވާހަކަތަކަކާ ގުޅިގެން، ޓްރަމްޕް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައި ދަނޑިވަޅެއްގައެވެ. ޗާންސެލަރު މާޒް ދާދިފަހުން ބުނެފައިވަނީ އީރާނުން އެމެރިކާ ލަދުގަންނުވާލާފައި ވާކަމަށާއި، އެމެރިކާގެ އެއްވެސް އިސްތިރާޖީ ރޭވުމެއް މިކަމުގައި ނެތް ކަމަށެވެ.
މިކަމަށް ރައްދު ދެމުން ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނީ، ޖަރުމަނުގެ ޗާންސެލަރު އެހެން ގައުމުތަކުގެ ކަންކަމާ ބެހުމުގެ ބަދަލުގައި، ޖަރުމަނަށް ކުރިމަތިވެފައިވާ ހަކަތައާއި އިމިގްރޭޝަންގެ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ވަގުތު ހުސްކުރަންޖެހޭ ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އެމެރިކާއިން ކުރާ މަސައްކަތަށް ހުރަސް ނޭޅުމަށްވެސް ޓްރަމްޕް ވަނީ ގޮވާލާފައެވެ.
ޕެންޓަގަންގެ އިސް އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އީރާން ހަނގުރާމައިގައި ޖަރުމަނުން ބޭނުންވާ މިންވަރަށް އެހީތެރިކަން ނުދޭތީ އެމެރިކާގެ ސަރުކާރުން އޮތީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެހެންކަމުން، މިހާ ގިނަ އަދަދެއްގެ ސިފައިން އެއްފަހަރާ ބޭލުމަކީ ޖަރުމަނުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އެ ގައުމަށް ދެވޭ "އަދަބެއް" ކަމުގައި ބައެއް ސިޔާސީ މުހައްލިލުން ސިފަކުރެއެވެ.