ޚަބަރު
ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދޭން ނަޝީދު ގޮވާލައްވައިފި
ކުރީގެ ރައީސް ނަޝީދު -- ފޮޓޯ : ފަރުދުން
ފަރުދުން
02 މޭ 2026، 01:39
02 މޭ 2026، 01:39
ދިވެހިރާއްޖޭގެ ސައްތަ އިންސައްތަ އިސްލާމީ ވަހުދަތާއި، ދިވެހިވަންތަކަން ގެއްލިގެން ހިނގައިދާނެ ފަދަ ގޮތަކަށް، ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު މިގޮތަށް ގޮވާލާފައިވަނީ އެމަނިކުފާނުގެ ކެމްޕޭން ދަތުރުފުޅުގައި ތ. ކިނބިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ދިވެއްސަކަށް ވުމުގެ ޝަރުތުތަކެއް ހުރި އިރު، އެ ޝަރުތުތައް ހަމަވާ ބޭރު މީހުންނަށް ދިވެހި ރައްޔިތުކަން ދީފައި ރާއްޖެ ގެންނަން ޖެހޭ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ދިވެއްސަކަށް ވުމުގެ ޝަރުތުތަކެއް ހުރޭތާ. އެ ޝަރުތުތައް ހަމަވާ، ބޭރު މީހުން ރާއްޖެ ގެންނަންވީ ނުން ހަމަ ދިވެހި ރައްޔިތުކަން ދީފަ" ނަޝީދު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، 1953 ވަނަ އަހަރުގެ ރެފިއުޖީ ކޮންވެންޝަންގައި ރާއްޖެ ބައިވެރިވުމުން، ރަށު ކައުންސިލްތަކުން ބޭނުންވާ މޮޅެތި މީހުން ރާއްޖެއަށް ގެނައުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ. އެގޮތުން ކިނބިދޫ ކައުންސިލުން 10 އިންޖިނިއަރުންނާއި، 20 ޓީޗަރުން އަދި 4 ޑޮކްޓަރުން ބޭނުންވާ ކަމަށް ބުނެފިނަމަ، އެފަދަ ޝަރުތު ހަމަވާ މީހުން ބޭރުން ގެނެސް ރައްޔިތުކަން ދެވިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މިސާލު ޖެއްސެވީ އޮސްޓްރޭލިއާއިން 2009 ވަނަ އަހަރު އޭޝިއާގެ ގައުމުތަކުން މޮޅެތި މީހުން ހޯދައިގެން އެ ގައުމުގެ އާބާދީ އިތުރުކުރި ގޮތަށެވެ. އަދި ފަލަސްތީނާއި މެދުއިރުމަތީގެ ގައުމުތަކުގައި ވަންނާނެ ތަނެއް ނެތިފައި ތިބި "މޮޅެތި" އާއިލާތައް ރާއްޖެ ގެނައުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
"އޮސްޓްރޭލިއާއިން 2009 ވަނަ އަހަރު ބުނީ 5 މިލިއަން މީހުން އިތުރަށް ގެންނަން ބޭނުމޭ. ހަމަކޮށްފި 2-3 އަހަރު ތެރޭގައި. އެއީ އޭޝިއާގައި ތިބި މޮޅެތި މީހުން ނަގައިގެން ގެންގޮސް" ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް، ނަޝީދުގެ މި ހުށަހެޅުމަކީ ދިވެހިރާއްޖޭގެ ދީނީ އަދި އިޖުތިމާއީ ފޭރާމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މިގޮތަށް އެކި ގައުމުތަކުން މީހުން ގެނެސް ރައްޔިތުކަން ދިނުމުން، ރާއްޖޭގައި ތަފާތު ދީންތަކުގެ މީހުން އިތުރުވެގެންދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ބުދުދީނުގެ މީހުންނަށް ފައްޅިތަކާއި، ކްރިސްޓިއަން ދީނުގެ މީހުންނަށް ޗާޗުތައް ބިނާކޮށްދިނުމަށް ދިވެހި ދައުލަތަށް މަޖުބޫރުވެ، ރާއްޖޭގެ 100 އިންސައްތަ އިސްލާމީ ވަހުދަތު މުޅިން ފުނޑުފުނޑުވެގެންދާނެ ކަމުގެ ބިރު އޮންނާނެއެވެ.
ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އިސްލާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް، ބޭރުގެ އެކި ދީންތަކުގެ މީހުންނަށް ރައްޔިތުކަން ދީގެން ރާއްޖެއަށް ގެނައުމަށް ނަޝީދު ގޮވާލެއްވި ގޮވާލުމަކީ، ދިވެހި ގައުމިއްޔަތާއި ދީނަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.