Ads by Farudhun

ޚަބަރު

ބެލެނިވެރިންގެ ކާޑް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް، ދަރިވަރުންނަށް ސްޓޫޑެންޓް ކާޑެއް ދެނީ

ބެލެނިވެރިންގެ ކާޑް ރާއްޖޭން ބޭރުގައި ބޭނުން ނުކުރެވޭ ގޮތަށް، ދަރިވަރުންނަށް ސްޓޫޑެންޓް ކާޑެއް ދެނީ

ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ މުޙައްމަދު ޝަރީފް. ފޮޓޯ: ދަ ސްޓޭންޑަޑް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 މޭ 2026، 04:30

02 މޭ 2026، 04:30

ރާއްޖޭން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ޑޮލަރުގެ މުޢާމަލާތްތައް ކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ އަދި އުންމީދީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚާއްޞަ "ސްޓޫޑެންޓް ކާޑެއް" ދޭން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާނު ކުރައްވަމުން ބީއެމްއެލްގެ މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭން ބޭރުގައި އަމިއްލަ ކާޑެއް ނެތި، ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން 1200 ޑޮލަރުގެ ލިމިޓަކާއެކު މި ސްޓޫޑަންޓް ކާޑު ދޫކުރަން ބޭންކުން މިހާރު ނިންމާފައިވާ ކަމަށެވެ. މިއީ ބޭރުގައި ތިބޭ ކުދިންނަށް ފައިސާގެ ކަންކަން ހަމަޖެއްސުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، މި ކާޑު ދޫކޮށް ނިމެންދެން، މިހާރު ދަރިވަރުން ބޭނުންކުރަމުންދާ ބެލެނިވެރިޔާގެ ކާޑު އެއްވެސް ދަތިކަމެއް ނެތި ބޭނުންކުރެވޭނެ އިންތިޒާމު ބޭންކުން ހަމަޖައްސާފައިވާ ކަމަށެވެ. މީގެ ސަބަބުން ބެލެނިވެރިޔާ ރާއްޖޭގައި ހުރި ނަމަވެސް، ބޭރުގައި ހުރި ދަރިވަރަށް އެއްވެސް ހުރަހެއްނެތި ކާޑު ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

"ރާއްޖޭން ބޭރުގައި ތިބޭ ސްޓޫޑެންޓުންނަށް ޚާއްސަ ލިމިޓެއް ކަނޑައެޅިފައި އޮވޭ 1200 ޑޮލަރާ ހަމައަށް. އެހެންވީމަ އެ ލިމިޓާއެއްކޮށް އެ ކާޑު ލިބޭނެގޮތް ހަމަޖައްސައި މިދެނީ. ދެން އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ފުދޭވަރަކަށް އަވަހަށް އަޅުގަނޑުމެންނަށް މިކަންތައްތައް ކޮށް ނިންމޭނެ. އެހެންވީމަ ނިމެންދެން އަޅުގަނޑުމެން މިހާރު ދަތިކަމެއްނެތި އެ ގެންގުޅުއްވާ ކާޑެއް ގެންގުޅެވޭގޮތަށް ހަމަޖައްސައިދޭނަން،" ޝަރީފް ވިދާޅުވިއެވެ.

މި އިނިޝިއޭޓިވްގެ ސަބަބުން ދަރިވަރުންނަށް އިތުރު ލުއިތަކާއި ފައިދާތައް ލިބިގެންދާނެ ކަމަށް ބޭންކުން ދެކެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުތަކާ ގުޅިގެން، ބީއެމްއެލްއިން ގެނައި މި ބަދަލަކީ ދަރިވަރުންނަށް ޑޮލަރުގެ މުޢާމަލާތްތައް ކުރުމުގައި ދިމާވާ ދަތިތަކަށް ލިބުނު ވަރަށް އުންމީދީ ޙައްލެކެވެ.

ބީއެމްއެލް އިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް މި ކާޑުތައް ދޫކޮށް ނިންމުމަށެވެ. އަދި މި ބަދަލާއެކު، ބޭރުގައި ތިބޭ ދަރިވަރުންނަށް މާލީ ގޮތުން އިތުރު އިތުބާރާއި ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ބޭންކުން ބުނެއެވެ. މި ނިންމުމަކީ ކިޔަވާ ކުދިންނަށް ބޭނުންވާ ފައިސާގެ މުޢާމަލާތްތައް އެއްވެސް މެދުކެނޑުމެއްނެތި، ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450