ޚަބަރު
ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ފިޔަވަޅުތަކެއް އަޅައިފި
ބޭންކް އޮފް މޯލްޑިވްސް. ފޮޓޯ:ބީއެމްއެލް
ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ.
މިއަދު އެ ބޭންކުން ހާމަކުރި މަޢުލޫމާތުތަކުގައިވާ ގޮތުން މި ބަދަލުތަކަކީ ބޭރު ފައިސާގެ މުޢާމަލާތްތައް އިތުރަށް ތަރުތީބުކުރުމަށް އެޅި ފިޔަވަޅުތަކެކެވެ.
ކާޑު ލިމިޓާއި ދަރިވަރުންނަށް ދީފައިވާ ލުއިތައް
ބޭންކުން ނިންމާފައިވާ ގޮތުގައި، ކާޑުތަކުން ރާއްޖެއިން ބޭރުގައި ކުރާ މުޢާމަލާތްތަކަށް ދޫކުރާ ލިމިޓް ދެން އެކްޓިވޭޓް ވާނީ ކަސްޓަމަރު ރާއްޖެއިން ބޭރަށް ފުރުމުންނެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ބެލެނިވެރިޔާގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ޚާއްސަ 'ސްޓޫޑެންޓް ކާޑު' އެއް ދޭންވެސް ވަނީ ނިންމާފައެވެ. މި ކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.
އީކޮމާސް މުޢާމަލާތްތަކަށް ގެނައި ބަދަލުތައް
އޮންލައިންކޮށް މުދާ ގަންނަ ފަރާތްތަކަށް އަމާޒުކޮށް، ގިނަ އަދަދަކަށް މުދާ ގަންނަ އީކޮމާސް ސައިޓްތަކަށް ޖުމްލަ ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ވަކި ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ރުފިޔާ އެކައުންޓްތަކުން ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ކުރެވޭ ޓްރާންސެކްޝަންތަކުގެ އަދަދު 30 އަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އެއް ކްރެޑިޓް ކާޑަށް ވުރެ ގިނަ ކާޑު ބޭނުންކުރާ ކަސްޓަމަރުންގެ އަތުން އަހަރީ ފީ ނަގާނީ އެންމެ ކާޑަކުން ކަމަށްވެސް ބޭންކުން ހާމަކުރެއެވެ.
ޓީޓީ މެދުވެރިކޮށް ބޭރު ފައިސާ ފޮނުވުން
ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ބޭރު ފައިސާ ވިއްކުން މިހާރު ހަމަޖައްސާފައިވަނީ ބޭންކް ހުޅުވާފައި ހުންނަ ވަގުތުތަކަށެވެ. ނަމަވެސް، އެކައުންޓުގައި ބޭރު ފައިސާ ހުރެގެން ފޮނުވާ ޓީޓީތައް، ބަންދު ދުވަސްތައް ހިމެނޭހެން ހުރިހާ ވަގުތެއްގައިވެސް ފޮނުވޭނެއެވެ. ބޭންކުން އިތުރަށް ބުނީ ޓީޓީތައް ސްޕްލިޓްކޮށްގެން (ބަހާލައިގެން) ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކުމަށް އިސްކަންދޭނެ ކަމަށެވެ.