Ads by Farudhun

ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30 އިންސައްތައަށް ވުރެ އިތުރުވެއްޖެ

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30 އިންސައްތައަށް ވުރެ އިތުރުވެއްޖެ

ޒަކާތް ބަލައިގަންނަނީ. ފޮޓޯ: ޒަކާތު ހައުސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 މޭ 2026، 06:09

02 މޭ 2026، 06:09

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތައަށް ވުރެ ބޮޑުތަނުން އިތުރުވެފައިވާކަން މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.

 ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ޒަކާތް ދެއްކުމަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވުމުގެ ނަތީޖާއެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45,329,118.85 ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 34,854,157.67 ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު 23.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ކޮންމެ އަހަރަކުވެސް މި އަދަދު އަންނަނީ އިތުރުވަމުންނެވެ.

މި ކުއާޓަރުގެ ތެރެއިން އެންމެ ގިނައިން ޒަކާތުގެ ފައިސާ ލިބިފައިވަނީ މާރިޗު މަހުގައެވެ. ޒަކާތުގެ ފައިސާ އިތުރުވުމާ ގުޅިގެން، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ ހޭދަވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ބަލިމީހުންނަށް އެހީވުމާއި، އަސާސީ ބޭނުންތަކާއި، ރަމަޟާން މަހުގެ އެހީގެ އިތުރުން ތައުލީމީ ދާއިރާއަށް ޖުމްލަ 13,379,720.58 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޒަކާތުގެ ފައިސާ ބެހިގެންދިޔަ ގޮތް
ޒަކާތުގެ ފައިސާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންނަށެވެ. އެ ފަރާތްތަކަށް 6.69 މިލިއަން ރުފިޔާ ބަހާފައިވެއެވެ. މީގެ އިތުރުން ފީސަބީލިﷲ މަގުގައި 5.5 މިލިއަން ރުފިޔާ، އާމިލުންނަށް 815,000 ރުފިޔާ އަދި އިބްނުއްސަބީލްގެ ގޮތުގައި 363,000 ރުފިޔާ ހޭދަކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.

ޒަކާތުގެ ފަންޑު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި 41,078,781.90 ރުފިޔާ ވަނީ އިންވެސްޓްކޮށްފައެވެ. މީގެ ތެރޭގައި ވަގުފު އިމާރާތްތައް ކަމަށްވާ 'ދާރުއްސަލާމް' އަދި 'ދާރުލް އަރުޤަމް' ތަރައްގީކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. މިއީ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މުޖުތަމައުގެ ލާބައަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

މުދަލު ޒަކާތުގެ އާމްދަނީއަށް އައި މި ބޮޑު ކުރިއެރުމަކީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމާއި މުޖުތަމައުގެ ތަރައްގީގައި ޒަކާތުގެ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެކެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450