ޚަބަރު
މިދިޔަ އަހަރު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ މިންވަރު %92 އިތުރުވެއްޖެ
މަސްވެރިން/ފޮޓޯ: މިހާރު
މިދިޔަ 2025 އަހަރު ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރި މަހުގެ މިންވަރު %92 އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.
މި ކުރިއެރުން ލިބިފައިވަނީ، ރާއްޖޭގައި މަސް ބަންދުކުރާ ކުންފުނިތަކުން މަސް ގަންނަ މިންވަރު އިތުރުވުމާއި، ބައިނަލްއަޤުވާމީ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް މަޤުބޫލުކަން އިތުރުވުމުގެ ސަބަބުންނެވެ.
މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ވެލިއު އެޑެޑްއަށް ބަލާއިރު، 2024 ވަނަ އަހަރު %33.1 ދަށަށް ދިއުމަކަށް ފަހު، 2025 ވަނަ އަހަރު ވަނީ %30.8 ކުރިއެރުމެއް ހޯދާފައެވެ. އަދި މަސްވެރިންގެ އަތުން ގަތް މަހުގެ ޖުމްލަ މިންވަރު %66 އިތުރުވެ، 88.3 ހާސް މެޓްރިކް ޓަނަށް ވަނީ އަރާފައެވެ. މި ކުރިއެރުމުގެ މައިގަނޑު އަސާސަކީ ކަޅުބިލަމަހާއި ރީންދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށްވީއިރު، ގަތް މަހުގެ ޖުމްލަ %82 ހިއްސާކުރާ ކަނޑުމަސް ގަތް މިންވަރު %80 އިތުރުވެފައިވާއިރު، ޖުމްލަ ހިއްސާގެ %17 ހިއްސާކުރާ ކަންނެލި މަސް ގަތް މިންވަރު ވަނީ %20 އިތުރުވެފައެވެ. މި ދެ ބާވަތަކީ ރާއްޖޭގެ މަސްވެރިކަމުގެ ޖުމްލަ އުފެއްދުމުގެ %99 އެވެ.
މީގެ އިތުރުން، ބޭރު ފައިސާ ހޯދުމަށް މަސް ބޭރުކުރި މިންވަރަށް ބަލާއިރު، ޖުމްލަ 76.4 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މީގެ ތެރެއިން ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު 158 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ގަނޑުކުރި ކަންނެލި (%7)، ދަޅުގައި ބަންދުކުރި މަސް (%9) އަދި ހިކިމަސް (%32) ބޭރުކުރި މިންވަރު ވެސް ވަނީ އިތުރުވެފައެވެ. މި ކުރިއެރުމާއެކު، މަސްވެރިކަމުގެ އުފެއްދުންތަކުން ލިބުނު އާމްދަނީ ވަނީ %56 (52.2 މިލިއަން އެމެރިކާ ޑޮލަރު) އިތުރުވެފައެވެ.
ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް މަސްވެރިކަމުގެ ސިނާއަތުން ކުރި މަސައްކަތުގެ ތެރެއިން، ޖުމްލަ 76.4 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ގަނޑުކުރި ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު %158 ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، ގަނޑުކުރި ކަންނެލި ބޭރުކުރި މިންވަރު %7، ދަޅުގައި ބަންދުކުރި މަސް %9 އަދި ހިކިމަސް ބޭރުކުރި މިންވަރު ވެސް ވަނީ %32 އަށް އިތުރުވެފައެވެ. މި ކުރިއެރުންތަކާއެކު، މަސްވެރިކަމުގެ އުފެއްދުންތަކުން ލިބުނު ޖުމްލަ އާމްދަނީ ވަނީ %56 (52.2 މިލިއަން އެމެރިކާ ޑޮލަރު) އިތުރުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތަށް އައި މި ބޮޑު ބަދަލަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަން ތަރައްޤީކޮށް ހަރުދަނާކުރުމަށް އެކަށައަޅުއްވައި ތަންފީޒުކުރެއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.