ޚަބަރު
ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަން ތަރުތީބުކުރުން ބުދަދުވަހު
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އީސީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އަންނަ ބުދަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު، އިންތިޚާބާ ބެހޭ މަރުކަޒުގެ ޓްރެއިނިންގ ހޯލުގައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވުމާ ގުޅިގެން، އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި، ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދު އެވެ.
ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކުރީގެ މެންބަރު ސިނާން ކަމަށްވީ ނަމަވެސް، އޭނާ ވަނީ ފަހުން ޓިކެޓް ދޫކޮށްލައްވާފައެވެ. އެއާއެކު އެ ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އަހްމަދު ސައީދަށް ވަނީ ލިބިފައެވެ.