Ads by Farudhun

ޚަބަރު

މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

އެމްޑީއެފުން މާލޭ ސަރަހައްދުގެ ފެން ހިންދުން -- ފޮޓޯ : އެމްއެންޑީއެފް

04 މޭ 2026، 10:16

މިއަދު މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަމަލީގޮތުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވެފައި، މިއަދު ފަތިހުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގައި މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި އުޅަނދުތައް ދުއްވުމަށް ދަތިވާ މިންވަރަށް ވަނީ ފެންބޮޑުވެފައެވެ. މިކަމާ ގުޅިގެން ސިފައިން ދަނީ ޕަމްޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ބާރުދުވެއްޔެއްގައި ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިއަދު ފަތިހު 05:00 އިން ހެނދުނު 10:00 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ. މުޅި ރާއްޖެއަށް ކުރަމުންދާ މި ވިއްސާރައިގައި ރޭގެ ވަގުތެއްގައިވެސް މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް، ވައިގަދަ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި އެއްގަމު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް، ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ކުރިއާލާ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމުގައިވެސް ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450