ޚަބަރު
މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާ ވަޒީރު ބައްދަލުކުރައްވައިފި
ހައްޖު މިޝަންގެ މެމްބަރުންނާއި ވަޒީރު ބައްދަލު ކުރުެއްވުން -- ފޮޓޯ : އިސްލާމިކް މިނިސްޓްރީ
މިއަހަރުގެ މާތްވެގެންވާ ހައްޖުގެ އަޅުކަމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ހައްޖު މިޝަންގެ މެމްބަރުންނާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ވަޒީރު ވަނީ ހައްޖު މިޝަންގެ މެމްބަރުންނަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. ވަޒީރުގެ ވާހަކަފުޅުގައި، ހައްޖުގެ އަޅުކަމަކީ ބުރަ މަސައްކަތްތަކެއް އެކުލެވިގެންވާ އަޅުކަމަކަށް ވުމާއެކު، ހައްޖުވެރިންނަށް ކުރިމަތިވެދާނެ ދަތިތައް ދެނެގަނެ، އެކަންކަން ހައްލުކޮށްދިނުމުގައި މިޝަންގެ މެމްބަރުން ފަރުވާތެރިވުމަށް އެދިވަޑައިގެންނެވިއެވެ.
ޚާއްޞަގޮތެއްގައި ދިވެހި ހައްޖުވެރިންނަށް ދެވޭ ޚިދުމަތްތަކަކީ ފުރިހަމަ އަދި އަރާމު ޚިދުމަތްތަކެއްކަން ކަށަވަރުކުރުމަށާއި، ހައްޖުވެރިންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދެއްކުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
މިއަހަރުގެ ހައްޖު މޫސުމުގައި މައްކާގައި ގާއިމުކުރާ ދިވެހި ހައްޖު މިޝަންގެ އޮފީހުގެ އިސްވެރިޔާގެ ގޮތުގައި ވަޒީރު ވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނަރަލް، އައްޝައިޚް އިމްތިތާއު އައްބާސް އައްޔަންކުރައްވާފައެވެ. މިޝަންގެ މައިގަނޑު މަގުސަދަކީ ސައުދީ އަރަބިއްޔާގައި ދިވެހި ހައްޖުވެރިން ތިބޭ މުއްދަތުގައި ދިމާވާ އެކިއެކި އިދާރީ އަދި އިންތިޒާމީ ކަންކަން ވިލަރެސްކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހައްޖުވެރިންގެ ފަސޭހައަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަހަރުގެ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މި ބައްދަލުކުރެއްވުމަކީ ހައްޖުގެ އިންތިޒާމުތައް އެންމެ ފަހުގެ މަރުހަލާގައި ރޭވުމުގެ ގޮތުން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.