Ads by Farudhun

ޚަބަރު

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރަލުގެ ހިދުމަތް ދޭން އުޅޭކަމަށް ފަތުރަނީ ދޮގު ޚަބަރެއް: އައިލެންޑް އޭވިއޭޝަން

މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބަނގުރަލުގެ ހިދުމަތް ދޭން އުޅޭކަމަށް ފަތުރަނީ ދޮގު ޚަބަރެއް: އައިލެންޑް އޭވިއޭޝަން

މޯލްޑިވިއަން -- ފޮޓޯ : މޯލްޑިވިއަން

04 މޭ 2026، 02:07

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓްތަކުގައި ފަސިންޖަރުންނަށް އަލްކަހޯލް ނުވަތަ ބަނގުރަލުގެ ބާވަތްތަކުގެ ހިދުމަތްދޭން ރާވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތެއް ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ބުނެފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެއާލައިންގެ ދަތުރުތަކުގައި ބަނގުރާ ފޯރުކޮށްދޭން އުޅޭކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ މައުލޫމާތަކީ ހަގީގަތާ މުޅިން ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެއް އެ ކުންފުނިން އެއްވެސް ފަރާތަކަށް ފޯރުކޮށްދީފައި ނުވާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ބުނާގޮތުން، ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ރިސޯޓްތައް ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ތަނެއްގައި ބަނގުރާ ގެންގުޅުމާއި، ވިއްކުމާއި، ބޭނުންކުރުމަކީ މަނާ ކަމެކެވެ. އިސްލާމީ ހަމަތަކާއި ރާއްޖޭގެ ގާނޫނުތަކަށް އިހުތިރާމްކުރާ ކުންފުންޏެއްގެ ގޮތުން، ގާނޫނާ ހިލާފު އެފަދަ ކަމެއް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަން މޯލްޑިވިއަނުން ފާހަގަކުރެއެވެ.

އައިލެންޑް އޭވިއޭޝަނުން އިތުރަށް ބުނީ، ސައްހަކަން ކަށަވަރު ނުކުރެވޭ މިފަދަ ދޮގު މައުލޫމާތުތައް މީސްމީޑިއާގައި ފަތުރައި، އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ނުކުރުމަށް ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރާ ކަމަށެވެ.

މޯލްޑިވިއަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކުގެ ތެރެއިން، ފަސިންޖަރުންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450