ޚަބަރު
އެންސްޕާގެ ސީއީއޯއަކަށް ޝިރްނާ
އެންސްޕާގެ ސީއީއޯ އަކަށް އައްޔަނުކުރެވުނު ޝިރްނާ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އާމިނަތު ޝިރްނާ މިއަދު އައްޔަނުކޮށްފިއެވެ.
ޝިރްނާ މި މަގާމަށް އައްޔަނުކުރެއްވުމާ ހަމައަށް ހުންނެވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ. ހީނާ ވަލީދު ވަނީ އެންސްޕާގެ ސީއީއޯގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މަގާމަށް އައްޔަނުކުރެވުނު ޝިރްނާ އަކީ މީގެ ކުރިން ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުން އައި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ. ނަމަވެސް، އެ ދުވަސްވަރު ތެލެސީމިއާ ސެންޓަރުގެ ހިންގުމުގައި ބައެއް މައްސަލަތައް ދިމާވެ، އެ ކަންކަން ހައްލުނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން ތަނުގެ ހިންގުމަށް ބަދަލުތަކެއް ގެނެވުނެވެ.
އެ ބަދަލުތަކާއެކު ޝިރްނާ ފަހުން ހަވާލުވެ ހުންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދަމަނަވެއްޓާއި ބްލަޑް ބޭންކުގެ ކަންކަން ބެލެހެއްޓެވުމަށެވެ. ސިއްހީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝިރްނާ އެންސްޕާގެ ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.
އެންސްޕާއަކީ ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހިންގުމުގެ އެންމެ އިސް ޒިންމާ އުފުލާ އިދާރާއެވެ.