Ads by Farudhun

ޚަބަރު

މިދިޔަ މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ

މިދިޔަ މަހު މިފްކޯއަށް ކިރުވި މަހަށް 78 މިލިޔަން ރުފިޔާ

މަސްދޯންޏެއްގައި މަސްވެރިކަން ކުރަނީ. ފޮޓޯ:ކޮރަލް ގްލާސް މާކެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 މޭ 2026، 06:47

04 މޭ 2026، 06:47

ނިމިދިޔަ އެޕްރީލް މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ) އަށް ކިރުވި މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

 މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 1,068 ދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސް ކިރުވާފައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން އެޕްރީލް މަހު ޖުމްލަ 4,414 ޓަނުގެ މަސް ކިރުވާފައިވާއިރު، މި މަހަށް ޖުމްލަ 78,778,405 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަހާއި ކަންނެލީގެ ބާވަތްތަކެވެ.

މަސް ކިރުވި މިންވަރާއި ލިބުނު އާމްދަނީގެ ތަފްސީލް
ކަޅުބިލަމަހުގެ މަސްވެރިކަމަށް ބަލާއިރު، 781 ދޯންޏަކުން 4,146 ޓަނުގެ މަސް ކިރުވާފައިވެއެވެ. މީގެ އަގަށްވާ 77,660,455 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. ކަންނެލީގެ ބާވަތްތަކަށް ބަލާއިރު، 10 ކިލޯއިން މަތީގެ 5.78 ޓަނުގެ ކަންނެލި (115,600 ރުފިޔާ) އަދި 15 ކިލޯއިން މަތީގެ 40 ޓަނުގެ ކަންނެލި (1,002,350 ރުފިޔާ) ވަނީ ކިރުވާފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޚާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް މިހާރު ރާއްޖޭގެ 9 ސަރަހައްދަކުން ލިބެން ހުންނާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، މިއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450