Ads by Farudhun

ޚަބަރު

އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް މި ސަރުކާރުން 31 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފި

އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުމަށް މި ސަރުކާރުން 31 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފި

އަންހެނުން ބާރުވެރި ކުރުމަށް ލޯން ދޫކުރަނީ -- ފޮޓޯ : ޕީއެސްއެމް

05 މޭ 2026، 12:33

ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، އަންހެން ވިޔަފާރިވެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 31 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ދެއްވާ އިސްކަމުގެ ދަށުން، މި ފައިސާ ދޫކޮށްފައިވަނީ "ފަށާ މަދަދު" ލޯނު ސްކީމާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ހިންގާ ޑިޖިޓަލް ޕްރޮގްރާމްތަކުގެ ދަށުންނެވެ.

އެސްޑީއެފްސީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 17 ނޮވެންބަރު 2023 އިން ފެށިގެން މިދިޔަ އެޕްރީލް މަހުގެ ނިޔަލަށް ޖުމްލަ 128 އަންހެން ވިޔަފާރިވެރިއަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ:

ފަށާ މަދަދު ލޯނު:

މި ސްކީމުގެ ދަށުން 97 ކަނބަލަކަށް ޖުމްލަ 25 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ. މި ޕްރޮގްރާމަކީ އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ޚާއްސަކޮށްގެން، %6 އިންޓްރެސްޓް ރޭޓުގައި 100،000 އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ދޫކުރާ ސްކީމެކެވެ.

އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގ:

މިދިޔަ ނޮވެންބަރު މަހު އަލަށް ތަޢާރަފްކުރި މި ސްކީމުގެ ދަށުން 31 ފަރާތަކަށް 6.2 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މި ސްކީމަކީ އެއްވެސް ރަހުނަކާ ނުލައި 25،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެ މަގެއް ކަނބަލުންނަށް ފަހިކޮށްދިނުމަށް ހުޅުވާލި ފުރުޞަތެކެވެ.

ސަރުކާރުގެ އަމާޒަކީ ކަނބަލުންނަށް ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލައި، އަމިއްލަ ފައިމައްޗަށް ތެދުވެ ތަފާތު ދާއިރާތަކުން ވިޔަފާރި ފެށުމަށް ހިތްވަރު ދިނުމެވެ. އެސްޑީއެފްސީން ވިދާޅުވި ގޮތުގައި، މި ލޯނުތަކަކީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ލޯނުތަކަކަށް ވުމުން، މިއީ ވިޔަފާރީގެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ އަންހެނުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ.

މި ސަރުކާރުން އަންހެނުންގެ ތަރައްޤީއަށް ކުރަމުންދާ މިފަދަ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ކުރިއަށް އޮތް ތަނުގައި އިތުރުވެގެންދާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450