Ads by Farudhun

ޚަބަރު

ޣައްޒާ ހަނގުރާމައާ ގުޅިގެން ސުވައިސް ކެނަލްގެ އާމްދަނީން 10 ބިލިޔަން ޑޮލަރު ދަށަށް

ޣައްޒާ ހަނގުރާމައާ ގުޅިގެން ސުވައިސް ކެނަލްގެ އާމްދަނީން 10 ބިލިޔަން ޑޮލަރު ދަށަށް

ސްވިސް ކެނަލް-- ފޮޓޯ : އަލްޖަޒީރާ

05 މޭ 2026، 12:48

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަތް ކަނޑުގެ ސަލާމަތީ މަސްރަޙަށް އައި ބަދަލުތަކުގެ ސަބަބުން، ސުވައިސް ކެނަލުން މިޞްރަށް ލިބެމުންދިޔަ އާމްދަނީން 10 ބިލިޔަން އެމެރިކާ ޑޮލަރު ދަށަށް ޖެހިފައިވާ ކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.

މިޞްރުގެ އިޤްތިޞާދަށް ބޭރު ފައިސާ ލިބޭ އެންމެ މުހިންމު އެއް މަގު ކަމަށްވާ ސުވައިސް ކެނަލްގެ އާމްދަނީއަށް މި ބޮޑު ލޮޅުން އައީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، ޔަމަނުގެ ހޫޘީން ރަތް ކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް ޙަމަލާދޭން ފެށުމުންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޙަމަލާދޭން ފެށުމާ ގުޅިގެން، ފަލަސްޠީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ހޫޘީން ވަނީ ނޮވެމްބަރު މަހުން ފެށިގެން ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް މިސައިލާއި ޑްރޯންގެ ޙަމަލާތައް ދޭން ފަށާފައެވެ. ދުނިޔޭގެ ހަކަތައާއި ކާބޯތަކެތި އުފުލުމުގައި އެންމެ މުހިންމު އެއް މަގު ކަމުގައިވާ މި ސަރަޙައްދުގައި ދެވޭ ޙަމަލާތަކުގެ ސަބަބުން، ގިނަ އުޅަނދުފަހަރުތަކަކުން ވަނީ ސުވައިސް ކެނަލް ދޫކޮށް އެހެން މަގުތަކުން ދަތުރުކުރަން ފަށާފައެވެ.

މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލްސީސީ ވިދާޅުވި ގޮތުގައި، ރަތް ކަނޑާއި ގަލްފް އޮފް އޭޑެން ގުޅުވައިދޭ ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ތަކުރާރުކޮށް ޙަމަލާ ދިނުމުގެ ސަބަބުން، ސުވައިސް ކެނަލް ބޭނުންކުރާ އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ އިސްވެރިޔާ އޮސާމާ ރަބީޢު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ސުވައިސް ކެނަލް މެދުވެރިކޮށް ލިބުނު އާމްދަނީ ވަނީ 44 އިންސައްތައަށް ދަށަށް ގޮސްފައެވެ. އެގޮތުން 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10.2 ބިލިޔަން އެމެރިކާ ޑޮލަރު ލިބުނު ނަމަވެސް، 2024 ވަނަ އަހަރު ލިބިފައިވަނީ އެންމެ 3.9 މިލިއަން އެމެރިކާ ޑޮލަރެވެ.

މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ޙަމަލާތަކާ ގުޅިގެންނެވެ. އޭގެ ފަހުން އޭޕްރިލް 8 ވަނަ ދުވަހު އެމެރިކާއާއި އީރާނާ ދެމެދު ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް އެއްބަސްވި ނަމަވެސް، ހޫޘީން ވަނީ އިންޒާރެއް ދީފައެވެ. އެ ޖަމާޢަތުން ބުނެފައިވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ޙަމަލާތައް އަލުން ފަށައިފި ނަމަ، ރަތް ކަނޑުގައި ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މައިނާރު ކަމަށްވާ ސުވައިސް ކެނަލަށް ދަނީ ބޮޑެތި މާލީ ގެއްލުންތަކެއްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450