ޚަބަރު
ބޭހަށް ބޮޑު ހޭދައެއް ކުރަމުންދާއިރު ވެސް، ރައްޔިތުންނަށް ބޭސް ނުލިބޭކަން ޤަބޫލުކުރަން: އެމްޑީ ޒީނިޔާ
އެމްޑީ ޒީނިޔާ/ފޮޓޯ: ޖަވިޔަނި
އާސަންދައިން ބޭހަށް ބޮޑު ހޭދައެއް ކުރަމުންދާއިރު ވެސް، ރައްޔިތުންނަށް ބޭސް ނުލިބުމުގެ ޝަކުވާތައް ޤަބޫލުކުރައްވާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ މިއަދު ވިދާޅުވެއްޖެއެވެ.
ޒީނިޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ބޭސް ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މިއަދު ވާހަކަދައްކަވަމުންނެވެ.
އެގޮތުން، ރާއްޖެއަށް ބޭސް އެތެރެކުރުމާއި އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގެ ނިޒާމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ޒީނިޔާ ވިދާޅުވީ، އާސަންދައިން ބޭސް ދޫކުރުމުގައި ބަލަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެޕްރޫވްކޮށްފައިވާ ލިސްޓަށް ކަމަށެވެ. ނަމަވެސް، ބޭސްފިހާރަ ރަޖިސްޓްރީކުރާއިރު އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ބޭސްތައް ހުރޭތޯ ރަނގަޅަށް ނުބެލޭކަމަށް ޒީނިޔާ ވިދާޅުވިއެވެ.
ހަމަ އެއާއެކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބޭސް ވިއްކުމުގެ ހުއްދަ ދިނުމަށްފަހު އާސަންދަ އެމްޕެނަލް ކުރަން އަންނަ މަރުހަލާގައި އެކަން ހިފަހައްޓައިފިނަމަ އަމިއްލަ ފަރާތްތަކުގެ ޝަކުވާތައް އަމާޒުވެ، ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިވާކަން ޒީނިޔާ ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ޤައުމީ ފެންވަރުގައި ރާއްޖެއަށް އެތެރެކުރާ ބޭހުގެ ޢަދަދުތައް ދެނެގަނެވޭނެ އެއްވެސް މެކޭނިޒަމެއް ވެސް މިހާރު ރާއްޖޭގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ދެން އަޅުގަނޑު ވެސް ހަމަ ޤަބޫލުކުރަން ހަމަ ބޭހެއް ނުލިބޭ މީހުންނަކަށް އިނގޭތޯ. އަދިވެސް ހަމަ އެ ޝަކުވާ އާދޭ ހަމަ، ޕްރިސްކްރިޕްޝަނެއް ހިފައިގެން ދިޔައީމާ ސްކީމްގެ ތެރެއިން ހަމަ ބޭހެއް ނުލިބޭ. މިހާ ބޮޑު ޚަރަދެއް ދޭއިރުގައި ވެސް ސްކީމްގެ ތެރެއިން މި ހުންނަ ބޭސް ލިބުމަށް ދަތިތައް އެބަހުރި.
ޒީނިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭސް ލިބުން ނުވަތަ ބޭހަށް އާސަންދަ ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ބޭހެއްގެ އެތެރެކުރާ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުންކަން ފާހަގަކުރައްވަމުން ޒީނިޔާ ވިދާޅުވީ، އާސަންދަ ދެނީ ރަޖިސްޓްރީވެފައިވާ ބްރޭންޑްތަކުގެ ބޭހަށް އެކަނި ކަމަށެވެ. ނަމަވެސް، ބޭސް އެތެރެކުރެވެނީ ބޭސް ސިޓީއަކަށް އެކަނިކަމަށްވުމުން ނަތީޖާއަކީ ބްރޭންޑްތައް އަވަސް އަވަހަށް ބަދަލުވުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ، ބައެއް ފާމަސީތަކުން އަގުހެޔޮ ބޭސް ވިއްކުމަށްފަހު، އަގުބޮޑުކޮށް އާސަންދައަށް ބިލްކުރާ ކަމަށާއި، ހޯލްސޭލް ރޭޓް ކޮންޓްރޯލް ކުރާނެ ނިޒާމެއް ނެތުމުން، 500 އާއި 600 އިންސައްތައިގެ ބޮޑު ފައިދާއެއް ލާފައި ބޭސް ވިއްކާކަން މީގެ ދެ އަހަރު ކުރިން ބެލި ބެލުމުން އެނގިފައިވާކަމަށް ޒީނިޔާ ވިދާޅުވިއެވެ. އަދި މިކަންކަ ހައްލުކުރުމަށް "ބަލްކް ޕްރޮކިއުމަންޓް" އުސޫލުން ބޭސް ގެންނަން ފެށި ނަމަވެސް، އެގޮތަށް ގެނެވުނީ ވަރަށް މަދު ބޭހެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަދި 3000 އަށްވުރެ ގިނަ ބޭހަށް އާސަންދަ ލިބޭއިރު ވެސް ބޭސް ނުލިބޭކަމުގެ ޝަކުވާ ލިބޭތީ، އެއީ ކިހިނެއްވާ ކަމެއްތޯ ބެލުމަކީ ކޮންމެހެން ވެސް މުހިންމުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.