Ads by Farudhun

ޚަބަރު

ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއިން މީހުން ބިނާ ކުރާ މަސައްކަތު ބައްދަލުވުމެއް ފަށައިިފި

ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއިން މީހުން ބިނާ ކުރާ މަސައްކަތު ބައްދަލުވުމެއް ފަށައިިފި

މައުނަވީ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ މީހުން ބިނާ ކުރުމުގެ މަސައްކަތު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ތަރިކައާއި ބެހެ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 މޭ 2026، 04:13

05 މޭ 2026، 04:13

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތް އޭޝިއާ ގުޅިގެން، 2003 ވަނަ އަހަރުގެ ޔުނެސްކޯ ކޮންވެންޝަން ފޮރ ދަ ސޭފްގާޑިންގ އޮފް ދި އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް މުއާހަދާއާ ގުޅޭ ޤައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

2026 މޭ 5 އިން 6 އަށް ކުރިއަށްގެންދާ މި ބައްދަލުވުމަކީ މި މުއާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުނަވީ ސަގާފީ ތަރިކަ ދަފުތަރު އިތުރަށް ފުރިހަމަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން މައުނަވީ ތަރިކަ ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތައް ހިއްސާކޮށް، އެހެން ޤައުމުތަކުން އެފަދަ ކަންކަމުގައި ހޯދާފައިވާ ހައްލުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.

މި މުއާހަދާގައި ރާއްޖެއިން ސޮއިކުރުމަކީ ރާއްޖޭގެ މައުނަވީ ސަގާފީ ތަރިކަ ރައްކާތެރިކޮށް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ލިބޭނެ ބޮޑު ފުރުސަތެކެވެ. އަދި މި ފަންނުތަކުގައި އުޅުއްވާ ބޭފުޅުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަތުން ހޯދައިދީ، އެ ފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ފާހަގަކުރެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ޔުނެސްކޯއާއި ދިވެހި ތަރިކަ ދާއިރާގެ ފަންނުވެރިންނާ ބައްދަލުވެ، މުއާހަދާގެ ތެރެއިން ދިވެހި މައުނަވީ ތަރިކަ ކުރިއަރުވޭނެ ގޮތްތަކަށް އަލިއަޅުވާލެވޭނެއެވެ. އަދި މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހުރި ދަތިތަކާއި ހުރަސްތައް ހިއްސާކޮށް، މުއާހަދާގެ ސަބަބުން އެކަންކަމަށް ލިބިގެންދާނެ ލުއިތަކާ ބެހޭގޮތުން ވެސް މައުލޫމާތު ބަދަލުކުރެވޭނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ޔުނެސްކޯގެ ފަރާތުން ބައިވެރިވެލައްވަނީ ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތު އޭޝިއާ އާއި އިންޓަރނޭޝަނަލް އިންފޮރމޭޝަން އެންޑް ނެޓްވޯކްއިންގ ސެންޓަރ ފޮރ އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖް (އައި.ސީ.އެޗް.ސީ.އޭ.ޕީ) ގެ އިތުރުން ޔުނެސްކޯގެ މައުނަވީ ތަރިކައިގެ މާހިރު އިބްތިސާމް އަލްވައްހައިބީއެވެ.

ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި މައުނަވީ ސަގާފީ ތަރިކައާ ގުޅޭ ޖަމިއްޔާ ޖަމާއަތްތަކާއި، ފަންނުވެރިންނާއި، މަސައްކަތްތެރިންގެ އިތުރުން ދިރާސާވެރިންނާއި ކަމާގުޅޭ އެކި އިދާރާތަކުގެ ހިއްސާވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450