ދުނިޔެ / ޚަބަރު
ސަޢުދީޢަރަބިއްޔާގައި މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ސަޢުދީޢަރަބިއްޔާގެ ކިންގް ޢަބްދުލްޢަޒީޒް ޔުނިވާސިޓީ. ފޮޓޯ: ޑެސްޓިނޭޝަން
ސަޢުދީ ޢަރައްބިއްޔާގެ ޔުނިވާސިޓީ ތަކުން އެކި ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ބައިނަލްއަގުވާމީ ދަރިވަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ސައުދީގެ ފެންވަރު ރަނގަޅު ތައުލީމީ މުއައްސަސާތަކުން އުނގެނުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެކެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ހާމަކުރި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ދިވެހި ދަރިވަރުން ހިމެނޭހެން ބައިނަލްއަގުވާމީ ދަރިވަރުންނަށް ސައުދީގެ އެކި ޔުނިވަރސިޓީތަކުގައި ފުރަތަމަ ޑިގްރީ އަދި ޕޯސްޓްގްރެޖުއޭޓް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ މަތީ ތައުލީމަށް އެދޭ ދިވެހި ދަރިވަރުންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެމްބަސީން ފާހަގަކުރެއެވެ.
މި ޕްރޮގްރާމްގެ ދަށުން ތަފާތު އެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި އިންޖިނިއަރިންގ، މެޑިސިން، އިންފޮމޭޝަން ޓެކްނޮލޮޖީ، އިސްލާމިކް ސްޓަޑީޒް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ސައިންސްގެ ދާއިރާތައް ހިމެނެއެވެ. މި ދާއިރާތަކުން ސައުދީގެ އެކި ޔުނިވަރސިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އެމްބަސީން ބުނީ ކިޔެވުމުގެ ފުރުސަތުގެ އިތުރުން "ސްޓަޑީ އިން ސައުދީ" ގެ ދަށުން ހިންގާ ގިނަ ޕްރޮގްރާމްތަކުގައި ބައިނަލްއަގުވާމީ ދަރިވަރުންނަށް ގިނަ އިނާޔަތްތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ ކަންކަމަށް އެހީތެރިވެދޭނެ ތަފާތު އިނާޔަތްތައް ހިމެނޭނެކަމަށް ބެލެވެއެވެ.
މި ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ޝަރުތުތައް ބެއްލެވުމަށްފަހު، ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ސަޢުދީ ސަރުކާރުން ވަނީ ދައުވަތު އަރުވާފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލާއި ޝަރުތުތައް އެ މިނިސްޓްރީގެ ރަސްމީ ޕޯޓަލްއިން ލިބެން ހުންނާނެއެވެ.