ޚަބަރު
"ފަސްމީރު" ބްރޭންޑް ސްރީލަންކާއަށް ރަސްމީކޮށް ތަޢާރަފުކޮށްފި
"ފަސްމީރު" ބްރޭންޑް ސްރީލަންކާއަށް ރަސްމީކޮށް ތަޢާރަފްކުރުން. ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަޝްހޫރު "ފަސްމީރު" ބްރޭންޑުގެ އުފެއްދުންތައް އަވަށްޓެރި ސްރީލަންކާގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މިކަމަށްޓަކައި ކޮލަމްބޯގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅުންގެ އިތުރުން މަސްވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މީގެ ތެރޭގައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އާއި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު އާއި، މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ހިމެނިވަޑައިގަންނަވައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ، މިއީ ކުންފުނީގެ ވިޔަފާރި ބައިނަލްއަޤްވާމީ ބާޒާރުގައި ފުޅާކުރުމަށް ކަނޑައަޅާފައިވާ އިސްތިރާޖީގެ ދަށުން ހޯދުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އަދި ސްރީލަންކާއަށް މި ބްރޭންޑް ތަޢާރަފުކުރުމަކީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ފުޅާކުރުމަށާއި، ރާއްޖެއިން ކުރަމުންދާ ތިމާވެއްޓާ ރައްޓެހި މަސްވެރިކަން އިޝްތިހާރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސްރީލަންކާއަށް "ފަސްމީރު" ބްރޭންޑުގެ އުފެއްދުންތައް ނެރެފައިވަނީ ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯން ޕްރައިވެޓް ލިމިޓެޑް (ޑީއައިސީއެލް) އާއެކު ވެފައިވާ "އެކްސްކްލޫސިވް ޑިސްޓްރިބިއުޝަން" އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން، ސްރީލަންކާގެ ހޮޓާ، ރެސްޓޯރެންޓް އަދި ކޭޓަރިންގ ދާއިރާގެ އިތުރުން ރީޓެއިލް އަދި ހޯލްސޭލް ބާޒާރަށް މި އުފެއްދުންތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ރަސްމިއްޔާތުގެ ބައިވެރިންނަށް "ފަސްމީރު" ބްރޭންޑުގެ އުފެއްދުންތައް ދައްކާލައި، އެ ތަކެތި ތަޖުރިބާކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ. މިފްކޯއިން އަންނަނީ ދެމެހެއްޓެނިވި މަސްވެރިކަމުން ފެންވަރު ރަނގަޅު އުފެއްދުންތައް އުފައްދައި، ބައިނަލްއަޤްވާމީ މާކެޓުގައި ކުންފުނީގެ ހިއްސާ ބޮޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.