ޚަބަރު
ޗައިނާ އަދި ޕާކިސްތާނުގެ ސަފީރު، ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ޕާކިސްތާނު ސަފީރުގެ ޒިޔާރާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ޗައިނާ އަދި ޕާކިސްތާނުގެ ސަފީރުން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް ކުރެއްވި ޒިޔާރާތުގައި، ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ޕާކިސްތާނު ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޕާކިސްތާން ސަރުކާރަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި، ދެ ޤައުމުން ދިފާޢީ ދާއިރާއިން ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ހަމަ އެހެންމެ، ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި، ޗައިނާ ސަރުކާރަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.