ޚަބަރު
ލިންކެއް މެދުވެރިކޮށް އެކައުންޓަކުން ބައިލައްކަ ރުފިޔާ ފޭރިގަތް މީހަކު ހައްޔަރަށް
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ވައިބަރއިން ފޮނުވި ލިންކެއް މެދުވެރިކޮށް ބޭންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުޙައްމަދު (38އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މައްސަލައިގައި މިހާތަނަށް ކުރި ތަޙުޤީގުން ހާމަވެފައިވާ ގޮތުގައި، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުޙައްމަދު ވަނީ ފޭސްބުކް މެސެންޖަރ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައެވެ. އަދި ވައިބަރ މެދުވެރިކޮށް އެ މީހާއަށް ފޮނުވި ލިންކަކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50،000 ރުފިޔާ ކެނޑިފައިވާއިރު، އެ ފައިސާ ޖަމާވެފައި ވަނީ މޫސާ މުޙައްމަދުގެ ނަމުގައިވާ އެކައުންޓަށްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އަދި މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވާފަ އެވެ.