ޚަބަރު
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށްފި
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންބަރު ތަރުތީބު ކުރުން
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން ބާއްވައި، ކެނޑިޑޭޓް ނަންބަރުތައް މިއަދު ތަރުތީބުކޮށްފިއެވެ.
އިންތިހާބާބެހޭ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި މި އިންތިޚާބަށް ވާދަކުރާ ދެ ކެނޑިޑޭޓުންގެ މެދުގައި ވަނީ ގުރުއަތު ނަގާފައެވެ.
ގުރުއަތުން ހޮވުނު ގޮތަށް ބަލާއިރު، ކެނޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އަޙްމަދު ސަޢީދު އަށެވެ. އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ޢަބަދުﷲ ޞާދިޤު އަށް ލިބިވަޑައިގަތީ ކެނޑިޑޭޓް ނަންބަރު ދޭކެވެ.
ޕީއެންސީގެ ޓިކެޓް އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ، އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާނު ޓިކެޓު ދޫކޮށްލުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ. އެ ދުވަހުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިޚާބުވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ކޯޓުން ކަނޑައަޅައި، އެ ދަރަނި ޙުކުމާ އެއްގޮތަށް ދައްކާފައިނުވާތީ ސުޕްރީމް ކޯޓުން ކުރި ޙުކުމަކާ ގުޅިގެންނެވެ. މި ޙުކުމާއެކު އޭނާގެ މެންބަރުކަމުގެ ޝަރުތު ވަނީ ގެއްލިފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުގައިވާ ގޮތުން، މި ބައި-އިލެކްޝަންގައި ވޯޓުލުމުގެ ޙައްގު ޖުމްލަ 4,114 މީހަކަށް ލިބިގެންވެއެވެ.