ޚަބަރު
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ކުއްޖާ ފެނިއްޖެ
ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަލްޔާ. ފޮޓޯ: ފުލުހުން
ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން ގެއްލިގެން ހޯދަމުންދިޔައީ ހުޅުމާލެ ފްލެޓް ނަންބަރު 05-3-2، ޢާއިޝަތު އަލްޔާ ޢަލީއެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި އެ ކުއްޖާ މިހާރު ވަނީ ފެނިފައެވެ. އަދި ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އަލްޔާ މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 16 ގައެވެ. އޭނާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 އެހާކަންހާއިރު ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
އަލްޔާގެ ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަރަށް ބާރަށް ކުރިއަށް ގެންގޮސްފައެވެ.
ކުއްޖާ ފެނިފައި މިވަނީ އޭނާ ހޯދުމަށް ފުލުހުންނާއި އާއިލާއިން ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ. ކުއްޖާ ފެނުނު ނަމަވެސް، އޭނާ ފެނުނު ވަކި ތަނެއް ނުވަތަ އިތުރު ތަފްސީލެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.