ޚަބަރު
މަޖިލީހަށް 12 ބިލެއް ހުށައެޅުމަށް ދަނީ ތައްޔާރުވަމުން: ބަންޑާރަނައިބު
ބަންޑާރަނައިބު އަހްމަދު އުޝާމް. ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރާއި ދެވަނަ ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން 12 ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވަނީ މި ބިލުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ބަންޑާރަނައިބު ފާހަގަކުރެއްވި ގޮތުގައި މި ދައުރުގެ ތެރޭގައި ހުށަހަޅާ އެންމެ މުހިންމު އެއް ބިލަކީ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލެވެ. މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު އެއްކުރުމާއި، ބޭނުންކުރުމުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމެއް ގާއިމުކޮށް، އެފަދަ މައުލޫމާތު ގެންގުޅޭ ފަރާތްތައް ރެގިއުލޭޓް ކުރުމަށް އެކުލަވާލާ ބިލެކެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން ޑިޖިޓައިޒޭޝަނާ ގުޅޭ ތިން ބިލެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ސައިބަރ ސެކިއުރިޓީ ބިލާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ އިތުރުން ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ބިލު ހިމެނެއެވެ. ބަންޑާރަނައިބު ވިދާޅުވީ، "މިއީ ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތުގެ އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިންމު އުމްރާނީ ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ކަނޑައަޅާނެ ބިލެއް" ކަމަށެވެ.
ސަރުކާރުން ވަނީ ދުވަސްވެފައިވާ ބައެއް ގާނޫނުތައް އުވާލައި އައު ގާނޫނުތަކެއް ތައާރަފުކުރުމަށްވެސް ނިންމާފައެވެ. އެގޮތުން އިމިގްރޭޝަނުގެ ގާނޫނާއި ފަޅުރަށްތަކާބެހޭ ގާނޫނުގެ ބަދަލުގައި އައު ގާނޫނުތަކެއް ހުށަހަޅާނެއެވެ. އަދި ތައުލީމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހިމެނޭ ބިލުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.
ސިޔާސީ އަދި ދުސްތޫރީ ބަދަލުތަކަށް ބަލާއިރު، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާނެއެވެ. މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށާއި، މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މީގެއިތުރުން ބަންޑާރަނައިބު ފާހަގަކުރެއްވިގޮތުގައި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ބިލަކާއި، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ. މި ހުރިހާ ބިލުތަކަކީވެސް ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް މުހިންމު ބިލުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.