ޚަބަރު
ޔޫއޭއީއަށް ދިން ހަމަލާތަކަކީ އިސްތިގުލާލަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއްގެ ގޮތުގައި ސަރުކާރުން ސިފަކޮށްފި
އީރާނުން ޔޫއޭއީއަށް ހަމަލާދިނުން.
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދާދިފަހުން ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށްފަައި ވަނީ ދިވެހި ޚާރިޖިއްޔާއިން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ޔޫއޭއީގެ އިސްތިގުލާލަށް އަރައިގަތުމުގެ ފާޅުކަން ބޮޑު އަމަލެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކާތެރި ބިރެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
ޔޫއޭއީއަށް ދިމާވެފައިވާ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން އޮތީ އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނާއެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައި ކަމަށް ސަރުކާރުން ބުނެއެވެ. މީގެ އިތުރުން، އެ ގައުމުގެ އިސްތިގުލާލާއި، ސަލާމަތާއި، ސަރަހައްދީ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް ޔޫއޭއީން އަޅާ އެންމެހާ ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމުގެ މުހިންމުކަން ފާހަގަކޮށް، ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި މަޝްވަރާ އާއި ޑިޕްލޮމެޓިކް މަސައްކަތްތައް އިސްކުރުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ. ސަރުކާރުން ބުނީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަކީ އެންމެންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ.