ޚަބަރު
އޮސްޓްރޭލިޔާ އާއި ރާއްޖެއާ ދެމެދު ދިފާއީ ދާއިރާގެ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފި
އޮސްޓްރޭލިޔާ އާއި ރާއްޖެއާއި ދެމެދު ދިފާއީ ދާއިރާގެ މަޝްވަރާތައް ކުރިއަށް ގެންދިޔުން. ފޮޓޯ: ދިފާޢީ ވުޒާރާ
ދިފާޢީ ދާއިރާއިން މީހުން ބިނާކުރުމާއި ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އޮސްޓްރޭލިއާއާއި ދިވެހިރާއްޖެއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދިފާޢީ ދާއިރާއިން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކަކާ މެދު ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކަނޑުގެ ސަރަޙައްދު ހިމާޔަތް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގެ އިތުރުން ސަރަޙައްދީ ހަމަޖެހުން ޤާއިމްކުރުމާ ގުޅޭގޮތުންނެވެ.
ބައްދަލުވުމުގެ ތެރެއިން ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވަނީ އޮސްޓްރޭލިއާއިން ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާ ކުރުމަށް ދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ސަލާމަތީ ކަންކަމަށް އިޖާބަދިނުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
އޮސްޓްރޭލިއާއަކީ ރާއްޖޭގެ ދިފާޢީ ދާއިރާ ކުރިއެރުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. އެގޮތުން އެންމެ ފަހުން އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓަކީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.