Ads by Farudhun

ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް: އެންމެ ކުރީގައި އުޅެނީ ޗައިނާ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް: އެންމެ ކުރީގައި އުޅެނީ ޗައިނާ

ރާއްޖެ އަންނަ ފަތުރުވެރިން-- ފޮޓޯ : ޕީއެސްއެމް

07 މޭ 2026، 09:33

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު 827,245 އަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ އަށްލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.3 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 873,772 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިހާރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 6,618 ފަތުރުވެރިން އާދެއެވެ. އަދި މެއި މަހުގެ މިހާތަނަށް އެކަނިވެސް 25,809 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން، ވިޔަފާރި ބޭނުންތަކަށް 6,259 މީހުން އައިސްފައިވާއިރު، ކްރޫޒް ލައިނާތަކުގައި 13,808 ފަސިންޖަރުން ރާއްޖެއަށް އައިސްފައިވާކަން ފާހަގަކުރެވެއެވެ.

މާކެޓްތަކަށް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުގެ މަގާމު އަދިވެސް ދަމަހައްޓަމުން ދަނީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 124,722 ފަތުރުވެރިން އައިސްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި 106,720 ފަތުރުވެރިންނާއެކު ރަޝިޔާ އޮތްއިރު، ތިންވަނައިގައި އޮތީ 73,140 ފަތުރުވެރިން އައި އިނގިރޭސިވިލާތެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވާ ބޯޑަރުތަކަށް ބަލާއިރު، އެންމެ ބާރުބޮޑީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. އެ އެއާޕޯޓުން 803,028 ފަތުރުވެރިން އެތެރެވިއިރު، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން 3,354 ފަތުރުވެރިން އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން 3,012 ފަތުރުވެރިން ވަނީ އެތެރެވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ފުޅާވެފައިވާ މިންވަރަށް ބަލާއިރު، މިވަގުތު 180 ރިސޯޓަކާއި، 16 ހޮޓަލެއްގެ އިތުރުން 950 ގެސްޓްހައުސް އަދި 172 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450