ޚަބަރު
ޔޫއޭއީގެ ޢާންމު ސަރަޙައްދުތަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
ޚާރިޖީ ވުޒާރާ/ފޮޓޯ: މުޅި ރާއްޖެ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް އިރާނުން ދިން ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މި ހަމަލާތަކަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސިޔާދަތަށް ފާޅުކަން ބޮޑު ގޮތެއްގައި އަރައިގަތުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާ ކަމަށެވެ، ހަމަ އެހެންމެ، މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް ޚާރޖީ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ވަޤުތުގައި ދިވެހިރާއްޖެއިން ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާއެކު ފުރިހަމައަށް ސާބިތުވެ ތިބިކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، އެ ޤައުމުގެ ސިޔާދަތާއި، ސަލާމަތާއި، އަދި ސަރަޙައްދީ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް އަޅާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ތާއީދުކުރާ ކަމަށާއި، މި މައްސަލަ އިތުރަށް ގޯސްވިޔަނުދީ ހުއްޓުވުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން، މުހިންމު މަޝްވަރާއާއި ހިކުމަތްތެރި ހައްލުތަކެއް މެދުވެރިކޮށް ނުތަނަވަސްކަން ކުޑަކުރުމަށާއި، ސަރަހައްދީ ހަމަޖެހުން ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތައް ޤާއިމްކޮށްފައި ހުންނަ ޔޫއޭއީއަށް އީރާނުގެ މިސައިލް އަދި ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.