ޚަބަރު
ގްރީން ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 895 މިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ
ރާއްޖެއަށް ގްރީން ތެކްސް ވަންނަ ވަރު އިތުރުވުން-- ފޮޓޯ : ޕީއެސްއެމް
ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސްގެ އާމްދަނީއަށް މިއަހަރު ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށާއި، ގްރީން ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 895 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޯށްފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 895.2 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.6 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 1.08 ބިލިއަން ރުފިޔާއެވެ. ނަމަވެސް 2025 ވަނަ އަހަރު ނިމުނުއިރު މި އަދަދު ވަނީ 2.25 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލާއިރު، މިއަހަރު ނިމޭއިރު މި އަދަދު އިތުރަށް މަތިވާނެ ކަމަށް ބެލެވެއެވެ.
ގްރީން ޓެކްސްއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަން ފެށި ޓެކްސްއެކެވެ. މި ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީ ފަދަ ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.
ޓެކްސް ނެގުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު:
ރިސޯޓު، ސަފާރީ އަދި ބޮޑެތި ހޮޓާތައް: ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 12 އެމެރިކާ ޑޮލަރު.
ގެސްޓްހައުސްތަކާއި ކުދި ހޮޓާތައް: (މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ 50 ކޮޓަރިއަށްވުރެ މަދު ތަންތަން) ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު.
ދައުލަތަށް ލިބޭ ގްރީން ޓެކްސްގެ އާމްދަނީ އިތުރުވެފައިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާތީއެވެ. ޚާއްސަކޮށް މިއަހަރުގެ ފުރަތަމަ ކްރޫޒް ލައިނަރ މާލެއަށް ބަނދަރުކުރުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށެވެ.