Ads by Farudhun

ޚަބަރު

އައްޑޫ ސިޓީއާއި ދެކުނުގެ ވިޔަފާރިތަކަށް ޚާއްޞަ ފޯރަމެއް ބާއްވަަނީ

އައްޑޫ ސިޓީއާއި ދެކުނުގެ ވިޔަފާރިތަކަށް ޚާއްޞަ ފޯރަމެއް ބާއްވަަނީ

ވަޒީރު ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް

07 މޭ 2026، 10:54

އައްޑޫ ސިޓީއާއި ދެކުނުގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން، އައްޑޫގައި ވިޔަފާރި ފޯރަމެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އައްޑޫގެ އިޤްތިޞާދު ކުރިއެރުވުމަށް އެ ސަރަޙައްދުގައި ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. 

އެގޮތުން، 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު،  އައްޑޫ ނޫނަސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވިޔަފާރި ފުޅާކޮށް އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް އެ ސަރަޙައްދުތަކުގައި ވިޔަފާރި ފެށުމަށާއި ފުޅާކުރުމަށް އިންސެންޓިވްތަކެއް ތަޢާރަފުކުރެއްވުމަށް ރައީސް ނިންމަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންވީމާ އަޅުގަނޑުމެން މި ގަސްތުކުރަނީ އެކަން ފެށުމަށްޓަކައި މިމަހުގެ އެއީ މި މޭ މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަސް އައްޑޫގެ ވިޔަފާރިވެރިންނަށް އަދި ދެކުނުގެ ވިޔަފާރިވެރިންނަށް އަދި އައްޑޫ ސިޓީއަށް ނިސްބަތްވާ މާލޭގައި ވިޔަފާރިކުރައްވާ ބޭފުޅުންނާއި ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނާއި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށް ބައިވެރިވެވޭ ގޮތަށް މިފޯރަމް ކުރިއަށްގެންދަން ގަސްތުކުރަނީ.

ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތަކާއި، ދިނުމަށް ހަމަޖެހިފައިވާ އިންސެންޓިވްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، މި ބައްދަލުވުމުގައި ކަމާ ގުޅުންހުރި ގިނަ ވުޒާރާތަކަކުން ބައިވެރިވާނެ ކަމަށާއި، އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ، އަދި މާލީ ވުޒާރާގެ އިތުރުން އެހެނިހެން ކަމާގުޅުންހުރި މުއައްސަސާތައް ވެސް ހިމެނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި، 'ފްރީ ޒޯން' ގެ ހަރަކާތްތަކެއް ފެށުމަށްވެސް  ސަރުކާރުން ތައްޔާރުވަމުން އަންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ފޯރަމަކީ، އެ ސަރަޙައްދު ވިޔަފާރިވެރިންގެ ހަބަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450