ޚަބަރު
ޤައިދީންގެ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް އެއްބަސްވުމެއް
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ޑީއެންއާރް
ޤައިދީންގެ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އާއިއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
މި އެއްބަސްވުމުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު އަޙްމަދު ޢާލީއެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. މި އެއްބަސްވުމުގެ ދަށުން ޑީއެންއާރުގެ އޭޕީއައި މައިއެމްސީއެސް ޕޯރޓަލް އާ މޯލްޑިވްސް ކަރެކްޝަންގެ ގައިދީންގެ މަޢުލޫމާތުތައް އިންޓެގްރޭޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޑީއެންއާރުން ވިދާޅުވިގޮތުގައި، މި އެއްބަސްވުމުގެ އެންމެ މުހިންމު މަޤްޞަދަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި، ބަންދުމީހުންގެ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކޮށް، އެ މަރުހަލާ މިހާރަށްވުރެ ފަސޭހަކޮށް، އަވަސް ނިޒާމެއް ޤާއިމްކޮށްދިނުން ކަމަށެވެ. ހަމަ އެއާއެކު، މި އެއްބަސްވުމުގެ ދަށުން ޤައިދީންގެ ޢާއިލާތަކުގެ މަޢުލޫމާތުވެސް ފަސޭހަކާމާއެކު ބަލައިލެވޭނެ ހަރުދަނާ އުޞޫލެއް ޤާއިމްކުރެވިގެންދާނެކަމަށް ޑީއެންއާރުން މަޢުލޫމާތުދެއެވެ.
މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޖަލުތަކުގައި ތިބޭ ޤައިދީންގެ ގާތަށް ޒިޔާރަތްކުރާ މީހުންނަކީ ކޮންބައެއްކަން ދެނެގަނެ، އެއީ އާއިލާގެ މެންބަރުންކަން ކަށަވަރުކުރުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެކަމަށް ޑީއެންއާރުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ އެންމެ ފަހުގެ އަދާހަމަ، ޞައްޙަކަމާއެކު ބެލެހެއްޓުމަށް ވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެކަން ފާހަގަކޮށްލެވެއެވެ.
މި އެއްބަސްވުމާއެކު، ކަރެކްޝަންއިން މިހާރު ފޯރުކޮށްދުމުން އަންނަ އެންމެހާ ޚިދުމަތްތައް ދިނުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ކަރެކްޝަންސްއިން ވަނީ ވިދާޅުވެފައެވެ.