ޚަބަރު
ބަންކަރިން ޚިދުމަތުން 923 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ: ވަޒީރު ސަޢީދު
މުދާ އުފުލާ ދެ ބޯޓެއް/ފޮޓޯ: ޕީއެސްއެމް
ބަންކަރިން ޚިދުމަތުން މިހާތަނަށް ދައުލަތަށް 923.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖޭގައި އަލަށް ފެށި ބަންކަރިންގެ ޚިދުމަތާއި ގުޅޭގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި އެ ޚިދުމަތުން އެވަރަށް އާމްދަނީ ލިބުނުއިރު އެއީ ރާއްޖެއަށް ކުރިއްސުރެ ގެންނަ ތެލުން ލިބުނު އާމްދަނީއެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ބަންކަރިންގެ ޚިދުމަތާ ގުޅިގެން ސަރުކާރަށް އެކި ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، މި ޚިދުމަތަކީ ކާމިޔާބު އަދި ދައުލަތަށް ބޮޑު އާމްދަނީއެއް ވަންނަމުންދާ މަސައްކަތެކެވެ.
ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް އެއްބިލިއަން ރުފިޔާއާ ހިސާބަށް މިހާރު އާމްދަނީ އިތުރުވެގެން މި އައީ. ދެން ތިޔަބޭފުޅުން އުފައްދަވާފާނެ ސުވާލެއް، ތިއީ ރާއްޖެއަށް ގެންނަ ތެލެއް ނޫންހޭ އެހެންޏާ ވެސް. ނޫން، އެހެންޏާ ގެންނަ ތެލެއް ނޫން އެއީކީ. މިކަމަށް ބޭނުންކުރާ ތެލުގެ %85 އާއި %90 ދެމެދުގެ މިންވަރެއްގެ ތެލަކީ ރާއްޖެއަށް މުޅިން އަލަށް ގެންނަ ބާވަތް.
ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމަށް ފެށި މި މަސައްކަތް ރަސްމީކޮށް އިފްތިތާޙްކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. މި ޚިދުމަތަކީ އޮފްޝޯކޮށް، އެކަމަށް ޚާއްޞަ ބޯޓެއް ގެނެސްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދެމުންދާ ޚިދުމަތެކެވެ. މި ޚިދުމަތް ރާއްޖޭގައި ކުރިއަށް ގެންދަނީ ބައިނަލްއަޤްވާމީ ގޮތުން މި ދާއިރާގައި ބޮޑު ތަޖުރިބާއެއް ލިބިފައިވާ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް މިހާރަށްވުރެ ފުޅާކޮށް، ރާއްޖޭގެ ޖީޑީޕީއަށް އަހަރަކު 400 މިލިޔަން ޑޮލަރު އިތުރުކުރުމެވެ.
ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބަންކަރިން ޚިދުމަތް ހޯދާ އުޅަނދުފަހަރުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.