Ads by Farudhun

ޚަބަރު

މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް ނިންމަނީ

މީޑިއާ ވިލެޖުގެ މަސައްކަތް ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް ނިންމަނީ

ރައީސް އޮފީހުގެ ތަރުޖަމާނު/ފޮޓޯ: ރައީސް އޮފީސް

07 މޭ 2026، 02:30

މީޑިއާ ވިލެޖުގެ މަސައްކަތް އެންމެ ލަސްވެގެން ކުރިއަށް އޮތް ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިފަދައިން ވިދާޅުވެފައިވަނީ، ނޫސްވެރިންނާ ބައްދަލުކުރައްވާ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ "ޕްރެސަރ ވިތު ދަ ސްޕޯކްސް" ގައި ވާހަކަދައްކަވަމުންނެވެ.

މި މަސައްކަތްތަ ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅިގެން ނޫސްވެރިއަކު ކުރައްވާފައިވާ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ. ހަމަ އެހެންމެ، އެ މަސައްކަތް ކުރިން ހަވާލުކޮށްފައި އޮތް ވުޒާރާ ބަދަލުވި ނަމަވެސް މަސައްކަތަށް ބުރޫ ނާރާ ކަމަށާއި، މި އަންނަ ޖޫން މަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އެ ބޭފުޅުން (ވުޒާރާ) އިން ދެއްވި މަޢުލޫމާތަކީ އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ މެއި މަސް، ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމޭނެ ކަމަށް. މިހާރު މަސައްކަތް ނިމުމާ ކައިރިވެފައި އޮތްކަމަށް އެހެން ނަމަވެސް އެންމެ ލަސްވެގެންވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް.

ތަރުޖަމާނު ވިދާޅުވިއެވެ.

މީޑިއާތަކަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާ މިއަހަރުގެ ތެރޭގައި އެތަން ބޭނުން ކުރަން ފެށޭނެކަމުގެ ޔަޤީންކަން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ މި މީޑިއާ ވިލެޖަކީ މީޑިއާތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި މާލީ ބުރައަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

މީޑިއާ ވިލެޖުގައި ޖުމްލަ 34 ޖާގަ ހިމެނޭއިރު، މިތަން ނިމި މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުޞަތު ހުޅުވާލާނެއެވެ. މީގެ ސަބަބުން މީޑިއާތަކަށް ލިބޭ އާމްދަނީއިން މީޑިއާ އިތުރަށް ތަރައްޤީކޮށް ކުރިއަރައިގެން ދިޔުމަށް މަގުފަހިވެގެންދާއިރު، މި މަޝްރޫޢު ކުރިއަށްދަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި އިމާރާތުގައެވެ. "މަންހަޓަން ގްރޭންޑު" ގެ ނަމުގައި އަލުން ތަރައްޤީކުރާ މި އިމާރާތް ހިންގުމަށް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ އަހަރުގެ އޯގަސްޓު މަހު ވަނީ ޙަވާލުކޮށްފައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ މީޑިއާ ދާއިރާއަށާއި، ތަޢުލީމީ އަދި އިޖުތިމާޢީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450