ޚަބަރު
ރައީސުލްޖުމުހޫރިއްޔާ ރާއްޖޭން ބޭރަށް ކުރެއްވި ފަސް ދަތުރުފުޅެއްގެ ޚަރަދުތައް ހާމަކޮށްފި
ޕްރެސް ވިތް ސްޕޮކްސް-- ފޮޓޯ ފަރުދުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ފަސް ދަތުރުފުޅެއްގެ ޚަރަދުތަކުގެ ތަފްސީލު، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އާންމުކުރައްވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ތަފްސީލުތައް ހާމަކުރެއްވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ތަރުޖަމާނު ވިދާޅުވީ ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދުތަކަކީ ނޫސްވެރިންނާއި އާންމުންގެ ބޮޑު ޝައުގުވެރިކަމެއް އޮންނަ މައުލޫމާތަކަށް ވާތީ، އެކަންކަން ހާމަކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.
މުންދު ހާމަކުރެއްވި ތަފްސީލުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ އެކި ދުވަސްވަރު ކުރެއްވި މި ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ޖޫން 29 ގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށެވެ. އެ ދަތުރުފުޅަށް 2.272 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ޖުލައި 15 ގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް 1.571 މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ. މީގެ އިތުރުން، އޭޕްރިލް 27 ގައި މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަށް 245,170 ރުފިޔާ، ސެޕްޓެމްބަރު 14 ގައި ގަތަރުގެ ދޯހާއަށް ކުރެއްވި ދަތުރުފުޅަށް 570,971 ރުފިޔާ، އަދި ނޮވެމްބަރު 29 ގައި އިނގިރޭސިވިލާތަށް ކުރެއްވި ދެވަނަ ދަތުރުފުޅަށް 807,411 ރުފިޔާ ހޭދަވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މުންދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް ރައީސް އޮފީހަށް 288 އާރްޓީއައި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 233 ހުށަހެޅުމަކަށް މިހާރު ވަނީ ޖަވާބު ދީފައެވެ. އަދި ބާކީ ހުރި ކަންކަމުގައި ބޭނުންވާ ތަފްސީލުތައް އެއްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަތުރުފުޅުތަކުގެ ޚަރަދުތައް ފަދަ މައުލޫމާތުތަކަކީ ހިސާބުތައް ނިންމައި ޔަގީންކުރުމަށް ވަގުތު ބޭނުންވާ ކަންކަން ކަމަށް ވިޔަސް، އެ މައުލޫމާތުތައް ފުރިހަމަވި ވަރަކުން ހާމަކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ތަރުޖަމާނު ވަނީ ދެއްވާފައެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދަނީ ދެފުއްފެންނަ ގޮތަކަށް ރައްޔިތުންނާއި ގާތުން ސަރުކާރު ހިންގަމުންނެވެ. އަދި ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަން ވަރަށް ސާފުކޮށް ހާމަކޮށްދެމުންނެވެ.