ޚަބަރު
ސިލޯނުގައި އުޅޭ ދިވެހީންނަށް ބިރުދެއްކި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި
ޕްރެސާ ވިތް ސްޕޮކްސް -- ފޮޓޯ: ފަރުދުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ސިލޯނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ބައެއް ދިވެހީންނަށް ސިލޯނު ފުލުހުން މެދުވެރިކޮށް ބިރުދެއްކި ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ.
މިއަދު ޓެލެވިޒަން މޯލްޑިވްސް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ސަރުކާރުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ރައީސް މުޢިއްޒު ސިލޯނުގައި އުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަރަކާތަށް ނުދިއުމަށް އިންޒާރުދީ، ދިވެހީން ދިރިއުޅޭ ގެތަކަށް ފުލުހުން ފޮނުވައިގެން ބިރުދެއްކި ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ތަރުޖަމާން ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު، ލަންކާގައި ހުންނަވާ ދިވެހި ސަފީރާ ސުވާލުކުރެއްވި ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއްކަން ސަފީރު ކަށަވަރުކޮށްދެއްވާފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައިގެން ރަސްމީ ހައިސިއްޔަތަަކުން އެއްވެސް ބޭފުޅަކު ވަޑައިގަންނަވަން ހުރަސް އަޅުއްވަން އެއްވެސް މަސައްކަތެއް ނުކުރޭ،" މުންދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތަކާ ބައްދަލުކުރެއްވުމަށް ރައީސް މުޢިއްޒު ދެކޮޅު ހައްދަވަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިލޯނުގައި ތިބި ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުމަށް ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ގާތްގަނޑަކަށް 60 އާއިލާއަކާ އެމަނިކުފާނު ވަކިވަކިން ބައްދަލުކުރައްވައި، ހާލު އޮޅުންފިލުއްވާފައިވާ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.
މުންދު ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑުއެއްސެވުމަކީ ރައީސް މުޢިއްޒު އަބަދުވެސް އެންމެ އިސްކަންދެއްވާ ކަންތައް ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގެ އެއްވެސް ވެރިއަކު މިފަދަ ގާތްކަމަކާއެކު ރައްޔިތުންނާ ބައްދަލުކުރައްވާފައިވާތަން ފެނިފައިނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހަބަރާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދިޔައީ، ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފާނެ ކަމަށް ބެލެވޭ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ހުރަސްއެޅި ކަމަށެވެ. ނަމަވެސް ސަރުކާރުން މިވަނީ އެ ހުރިހާ ވާހަކަތަކެއް ކަށަވަރުކަމާއެކު ދޮގުކޮށްފައެވެ.
ރައީސުލްޖުމުހޫރިއްޔާ ވަނީ ދާދި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވާ ރައްޔިތުންނާއި ގާތުން ބައްދަލުކޮށްފައެވެ. ހަމައެއާއެކު މާލޭގެ އެކި އަވައްތަކަށް ނިސްބައިވާ މީހުންނާއިވެސް އެކި ރޭރެއަށް ބަހާލައިގެން ވަނީ ބައްދަލުކޮށްފައެވެ.
އެ ބައްދަލުވުންތަކުގައި ރައީސް ވަނީ އެބޭފުޅެއްގެ ހުރި ހުރިހާ އުދާސްތައް ބޭރުކޮށްލުމަށް ފުރުސަތު ދެއްވާ، އެ އުދާސްތަކާއި، ޝަކުވާތައް އަޑުއައްސަވާފައެެވެ.
އަދުގެ ސަރުކާރުން ދަނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކޮށް، ރައްޔިތުންނަށް ދިމާވާ އެކިއެކި ދަތިތައް ވީހާވެސް އަވަހަކަށް ހައްލުކޯށްދިނުމަށް މަސައްކަތް ކުރަމުންނެވެ.