ޚަބަރު
ޑޮލަރުގެ އުސޫލަށް ގެނައި ބަދަލާ ސަރުކާރުން ދެއްކި ދަރަންޏާ އެއްވެސް ގުޅުމެއް ނެތް: ތަރުޖަމާނު
ޕްރެސް ވިތް ސްޕޮކްސް -- ފޮޓޯ : ފަރުދުން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ޑޮލަރުގެ މުޢާމަލާތް ކުރެވޭ އުސޫލަށް ގެނައި ބަދަލުތަކަކީ ސަރުކާރުން ދާދިފަހުން ދެއްކި ބޮޑެތި ދަރަނިތަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ސަރުކާރުން މިމަހު ދެއްކި ދަރަނިތަކުގެ ސަބަބުން ދައުލަތުގެ ކޭޝް ފްލޯއަށް އެއްވެސް ކަހަލަ ލޮޅުމެއް ނުވަތަ ދަތިކަމެއް އައިސްފައި ނުވާ ކަމަށެވެ. އަދި ބޭންކުން އެޅި ފިޔަވަޅުތަކަކީ ސަރުކާރުން ދަރަނި އަދާކުރުމާ ގުޅިގެން ކުރިމަތިވި ޑޮލަރުގެ ތާށިކަމެއްގެ ސަބަބުން ނިންމި ނިންމުމެއް ކަމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ.
ސަރުކާރުގެ މާލީ ހާލަތާ ގުޅޭގޮތުން ތަރުޖަމާނު ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު ސަރުކާރުން ވަނީ 524 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކާފައި ކަމަށެވެ. އަދި އޭޕްރީލް 23 ގައި އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ދައްކާ ޚަލާޞްކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ކާޑުތަކުން ރާއްޖޭގެ ބޭރުގައި ކުރާ މުޢާމަލާތްތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމިކަން އެ ބޭންކުން ހާމަކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ބަދަލުތަކުގެ ތެރޭގައި ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގައި ކުރާ މުޢާމަލާތްތައް ކޮންޓްރޯލް ކުރުމާއި، އޮންލައިން ސައިޓްތަކުން ވިޔަފާރިކުރުމަށް ދީފައިވާ ބައެއް ލުއިތައް ހިފެހެއްޓުން ހިމެނެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި، މި ފިޔަވަޅުތައް އަޅަން ޖެހުނީ ބޭންކަށް ޑޮލަރު ލިބޭ މިންވަރަށްވުރެ ބޭރަށްދާ ޑޮލަރުގެ މިންވަރު އިތުރުވުމާ ގުޅިގެންނެވެ. އަދި މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ޑޮލަރުގެ ޚިދުމަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކުގެ އަމަލުތައް ހުއްޓުވައި، ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ބޭރު ފައިސާގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެފައިވެއެވެ.
މި އާ އުސޫލުގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް މުޢާމަލާތް ކުރެވޭނެ ވަކި ލިމިޓެއް ކަނޑައަޅައި، ދުވާލަކު ބޭނުންކުރެވޭނެ ވަކި މިންވަރެއް މިހާރު ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު ތަކުރާރުކޮށް ވިދާޅުވީ، ސަރުކާރުގެ ދަރަނި ކްލިއާ ކުރުމަކާ ބީއެމްއެލްގެ ނިންމުމާ އެއްވެސް ސީދާ ގުޅުމެއް ނެތް ކަމަށާއި، ދައުލަތުގެ މާލީ އިދާރާތަކުން މަސައްކަތް ކުރަމުންދަނީ އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމަށް ކަމަށެވެ.