Ads by Farudhun

ޚަބަރު

ވަގުތާއި ހާލަތަށް ބަލައި ބައެއް ވަޢުދުތަކަށް ބަދަލު ގެންނާނެ: މުންދު

ވަގުތާއި ހާލަތަށް ބަލައި ބައެއް ވަޢުދުތަކަށް ބަދަލު ގެންނާނެ: މުންދު

ޕްރެސް ވިތް ސްޕޮކްސް -- ފޮޓޯ : ފަރުދުން

07 މޭ 2026، 04:30

އެ އިރެއްގައި އޮންނަ ހާލަތާއި ވަގުތަށް ރިއާޔަތްކޮށް، ސަރުކާރުން ވެފައިވާ ބައެއް ވަޢުދުތަކަށް ބަދަލު އަންނާނެ ކަމަށާއި، މިހާރުވެސް ބައެއް ކަންކަމަށް އެގޮތުގެ މަތިން ބަދަލު ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޓެލެވިޒަން މޯލްޑީވްސް ބިލްޑިންގ ގައި ބޭއްވި "ޕްރެސް ވިތު ސްޕޯކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކަކީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންފައިވާ ވަޢުދުތަކެއް ކަމަށެވެ. އަދި އެ ހުރިހާ ވަޢުދުފުޅުތަކެއް މިހާރު ވާނީ އާންމުކޮށް ޝާއިއުކޮށްފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މުންދު ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ވެފައިވާ ވަޢުދަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ވެރިކަމާ ހަވާލުވުމުގެ ކުރިން އިންތިޤާލީ މަރުހަލާގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރުމަކީ ރައީސްގެ އަމާޒެއް ކަމަށް ހާމަކުރެއްވި ނަމަވެސް، ސަރުކާރާ ހަވާލުވުމަށްފަހު ދިމާވި ހާލަތްތަކަށް ބަލައި ބައެއް ކަންކަން މުރާޖައާ ކުރަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"700 އަކީ އޭރުގައި ނެރުނު ފިގާއެއް (އަދަދެއް). ވަޢުދުތަކުގެ ގޮތުގައި ހުރިހާ ވަޢުދެއް ހުންނާނީ ލިސްޓުކުރެވިފައި. ނަމަވެސް، ވަޢުދަކަށް މިވަނީ އަޅުގަނޑުމެން ސަރުކާރަށް އައިސް، ސިޗުއޭޝަނަށް (ހާލަތަށް) ބަލާފައި. ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސްވެސް (މުރާޖައާ) ކޮށްފައި،" ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިއްވެވި ރިޔާސީ ބަޔާންތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިތުރު ވަޢުދުތައް ވެވަޑައިގެންފައިވާކަން ފާހަގަކުރައްވައި، މުންދު ވިދާޅުވީ އެފަދަ ކަންކަމަކީވެސް ވަގުތާއި ހާލަތަށް ބަލައި ބަދަލު އަތުވެދާނެ ކަންކަން ކަމަށެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450