Ads by Farudhun

ޚަބަރު

ރަސްދޫ ބޮޑު ޢީދު - ތަފާތު ތަޖުރިބާތަކަށް މުޅި ރަށް ތައްޔާރުވަނީ

ރަސްދޫ ބޮޑު ޢީދު - ތަފާތު ތަޖުރިބާތަކަށް މުޅި ރަށް ތައްޔާރުވަނީ

އއ. ރަސްދޫ---

07 މޭ 2026، 06:56

ތަފާތު ތަޖުރިބާތައް ކުރެވޭ ގޮތަށް އއ. ރަސްދޫގައި 1447 ވަނަ އަހަރުގެ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. މިއީ ޢީދުގެ އުފަލުގައި އެންމެން ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމަށާއި، ރަށުން ބޭރުން އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ ޢީދަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކެއްކަމަށް، ޢީދުގެ އެންމެހާ ކަންކަން ރާވާ ހިންގުމަށް އެކުލަވާލާފައިވާ ޢީދު ކޮމެޓީން ހާމަކުރެއެވެ.

ރަސްދޫގައި މި ފަހަރުގެ ޢީދު ފާހަގަކުރަނީ، އެ ރަށު ކައުންސިލަށް އަލަށް އިންތިޙާބުވި ފަރާތްތަކުން އިސްނަގައިގެންނެވެ. އަދި ޢީދުގެ ތަޖުރިބާ ޚާއްޞަ ކުރުމުގެ ގޮތުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެންމެ ތަފާތު އެއް ކަމަކަށް ފާހަގަ ކުރެވެނީ، ރަށަށް ޒިޔާރަތްކުރާ އެންމެހާ މެހެމާނުންނަށް މަރުޙަބާ ދެންނެވުމަށް ކައުންސިލުން ވަމުންދާ ތައްޔާރީތަކެވެ. އެގޮތުން، އެ ރަށަށް ޒިޔާރަތްކުރާ ކޮންމެ މެހެމާނަކަށް ވަކިވަކިން މަރުޙަބާ ދެންނެވުމަށް ވަނީ ރާވާފައެވެ. 

މީގެ އިތުރުން ޢީދާ ގުޅިގެން ދިވެހީންގެ ތެރޭގައި އޮންނަ ސަޤާފީ ކުޅިވަރުތަކާއި، ދިވެހީންގެ އާދަކާދައާ ގުޅޭ ހަރަކާތްތަކާއި އަދި މޫދު ކުޅިވަރިތަކެއް ވެސް މި ފަހަރު ރަސްދޫގައި ކުރިޔަށްދާނެއެވެ.

މިކަމުގެ ތަފްސީލަށް ވަރަށް ތިލަކޮށް ބަލާލާއިރު، ޢީދު ވިލޭރޭ އީދުވެދުމާ ދިއުން އޮންނާނެއެވެ. އަދި ހަމަ އެ ރޭ ޢީދު ބަޑި ރޯކުރުން ވެސް އޮންނާނެއެވެ. މިއީ ޢީދު އައިކަން މުޅި ރަށަށް އިޢުލާންކުރުމުގެ ގޮތުން، ޒަމާނުއްސުރެން ގިނަ ރަށްރަށުގައި ކުރިޔަށްގެންދާ ހަރަކާތްތަކެކެވެ. ނަމަވެސް އެކިރަށްރަށުގައި މިކަން ކުރާ ގޮތް ތަފާތު ވުމަކީ، މި ހަރަކާތްތައް އެކި ރަށްރަށުގައި ކުރިޔަށްދާ ގޮތް ބަލާލުމަށް ކެތްމަދުވާ އެއް ސަބަބެވެ.

ޢީދުގެ ފުރަތަމަ ދުވަހު ޢީދު ނަމާދަށްފަހު ބޮޑު ޖަމާޢަތުގައި އޮންނަ ސަޔެއްގެ އިތުރުން، އުޟްހިޔާ ކަތިލުން ވެސް އެ ރަށުގައި އޮންނާނެއެވެ. އެއަށްފަހު ކުޅިވަރުތައް ފެށޭނީ އެ ދުވަހުގެ ހެނދުނު 9:30ގައެވެ. ފުރަތަމަ ދުވަހުގެ ކުޅިވަރުތަކުގެ ތެރޭގައި ފެންކުލަ ކުޅި އާއި މިކްސް ރޭސް އާއި ސަޤާފީ ކުޅިވަރުތަކާއި ކޯޑި ނެރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ޢީދުގެ ފުރަތަމަ ރޭ ޢީދު ޝޯވ ވެސް އޮންނާނެއެވެ.

ޢީދުގައި އޮންނަ ސަޤާފީ އެހެން ހަރަކާތްތަކުގެ ތެރޭގައި ބޮޑު މަސް ނެރުމާއި، ޢީދު ޖާފަތް ވެސް ހިމެނެއެވެ. އަދި ކުޅިވަރުތަކުގެ ތެރޭގައި މަސް ރޭހާއި ފައިގަ ތަޅާ މުބާރާތެއްގެ އިތުރުން، މޫދު ކުޅިވަރުތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ. އެގޮތުން ފެތުމާއި ކެނޯ ރޭސް ހިމެނެއެވެ.

އެހެންކަމުން ތަފާތު ކަންކަން ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް ރަސްދޫ އޮތީ މި އަހަރު ފުރިހަމައަށް ތައްޔާރުވެފައެވެ. 

އެ ރަށުގައި އިންތިހާބީ ކައުންސިލުން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތްތައް އެންމެ ފުރިހަމައަށް ރައްޔިތުންނާއި މެހެމާނުންނަށް ގެނެސްދިނުމަށް ރަށުގެ ހުރިހާ މުވައްސަސާއަކުން ވެސް ހަރަކާތްތެރިވާނެއެވެ. 

ރަސްދޫއަށް ކޮންމެ ދުވަހަކު ތިން ގަޑީގައި ލޯންޗު ދަތުރުތައް އޮވެއެވެ. ދަތުރުގެ ދިގު މިނަކީ ގާތްގަނޑަކަށް އެއް ގަޑިއިރެވެ. އަދި އެ ރަށަކީ ގިނަ ގެންސްޓްހައުސްތަކެއް ހުންނަ ރަށެއް ކަމުން، ރަށުން ބޭރުން ޒިޔާރަތްކުރާ ގިނަ ފަރާތްތަކަށް މިއީ ބޮޑު ލުޔަކަށް ވެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450