Ads by Farudhun

ޚަބަރު

މަގުމަތީގައި ދައްކާ ވާހަކަތަކަށް ހެއްލޭނެ ކަމެއް ނެތް، ރައްދު ދޭނީ އަމަލުން: އަބްދުއްރަހީމް

މަގުމަތީގައި ދައްކާ ވާހަކަތަކަށް ހެއްލޭނެ ކަމެއް ނެތް، ރައްދު ދޭނީ އަމަލުން: އަބްދުއްރަހީމް

އަބދުއްރަހީމް އަބުދުﷲ -- ފޮޓޯ : ޕީއެންސީ

08 މޭ 2026، 10:27

މަގުމަތީގެ އެކި ކަންކަންމަތީގައި ދައްކަމުންދާ އަސާސެއް ނެތް ވާހަކަތަކަށް ސަރުކާރުން ހެއްލިގެން ނުދާނެ ކަމަށާއި، އެފަދަ ވާހަކަތަކަށް ދޭނެ އެންމެ އެކަށީގެންވާ ރައްދަކީ އަމަލާއި ނަތީޖާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ މަސްރަޙުގައި ދެކެވޭ ބޭކާރު ވާހަކަތަކުގެ ސަބަބުން މާޔޫސްވުމުގެ ބަދަލުގައި، މިވަގުތަކީ އާ ހިތްވަރަކާއެކު ގައުމީ މަސައްކަތަށް ނުކުންނަންވީ ވަގުތު ކަމަށެވެ. މި ޖަލްސާއަކީ ކައުންސިލް އިންތިހާބުގައި އއ. ހިމަންދޫއިން ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެކު ކާމިޔާބު ކުރުމަށްޓަކައި މިހާރުން ފެށިގެން ކަމަރު ބަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގެ ފިކުރަކީ ތަރައްގީއާއި، އެއްބައިވަންތަކަމާއި، ސުލްހަމަސްލަހަތުގެ ފިކުރެވެ.

"އަޅުގަނޑުމެންނަކީ ވޯޓުން ބަލިވީމާ ކޯޓަށް ގޮސްގެން ނަތީޖާ ނެރޭނެ ބައެއް ނޫން، އަޅުގަނޑުމެންނަކީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމްކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ބައްޓަންކުރަން ދަންނަ ބައެއް."  އަބުދުއްރަހީމް

މީގެ އިތުރުން، ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެސީ ތައާރަފްވީ ފަހުން ވެރިކަން ކުރި އެކި ޕާޓީތަކުގެ ތަޖުރިބާ ރައްޔިތުންގެ އެބަހުރިކަން ފާހަގަކުރައްވައި، އެމްޑީޕީގެ ދެ ދައުރާއި މިހާރުގެ ޕީއެންސީ ސަރުކާރު އަޅާކިޔާލުމުން ބޮޑެތި ތަފާތުތަކެއް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިހާބުގެ ނަތީޖާއަށްފަހު ރައީސް މުއިއްޒު ދެއްކެވި ނަމޫނާއަކީ ރައްޔިތުންގެ ބަސް ގަބޫލުކޮށް، އިސްލާހު ކުރަންޖެހޭ ކަންކަން އިސްލާހު ކުރެއްވުން ކަމަށްވެސް ވިދާޅުވިއެވެ.

ވާދަވެރި ސިޔާސީ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް ގޮވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ބިނާކުރަނިވި ފާޑުކިޔުންތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، ސިޔާސީ ވާދަވެރިކަން ޒާތީ ހަސަދަވެރިކަމަކަށް ބަދަލުކޮށް، ގައުމުގެ މަސްލަހަތު ނަގާލަން އުޅޭނަމަ އެކަމަށް ޖާގަ ނުދެއްވާނެ ކަމަށްވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450