ޚަބަރު
ކޮންގްރެސް ޕާޓީ ބައިބައިނުކުރެވޭނެ، ރައީސް ދެވަނަ ދައުރަކަށް ހޮވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: އަބްދުއްރަހީމް
އަބުދުއްރަހީމް އަބުދުﷲ-- ފޮޓޯ : ޕީއެންސީ
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް "ޕީއެންސީ" ބައިބައިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށާއި، އެ ޕާޓީ އޮތީ ވަރަށް ވަރުގަދަކޮށް ބަދަހިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ކޮންގްރެސް ޕާޓީގެ ސަފުތައް ރޫޅާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިއަދު އިދިކޮޅު ފަރާތްތަކުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ ކަމަކީ އެއީ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިތްވަރުފުޅު ބަލިކޮށްނުލެވުމުން، މިހާރު ފެންނަނީ ޒާތީ ގޮތުން ދިމާކޮށް، އަބުރު ކަތިލުމަށް ނާތަހުޒީބު މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޒާތީ ގޮތުން ދިމާކުރުމާއި އަބުރު ކަތިލުމަކީ އިދިކޮޅު ފަރާތްތަކަށް ވަރަށް މޮޅަށް ކުރަން އެނގޭ ކަމެކެވެ. ނަމަވެސް، ރައީސް މުޢިއްޒަކީ އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަށް އެ ފެންވަރުގައި ރައްދު ދެއްވާނެ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމަނިކުފާނު ރައްދު ދެއްވާނީ އަމަލީ ގޮތުން ނަތީޖާ ނެރުއްވައިގެން. ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ޒާތީ ޖަދަލުތަކުގެ ތެރެއަށް ނުވަނުމަށް. އެހެންނަމަވެސް، އަޅުގަނޑުމެން މިތިބީ އެފަދަ ޒާތީ ހަމަލާތަކަށް ޖާގަދޭ ގޮތަކަށް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މާދަމާގެ މުސްތަޤުބަލު ބިނާކުރެވޭނީ ޕީއެންސީގެ ފިކުރުގެ މަތީގައި ކަމަށާއި، އެ ފިކުރުގެ ވަރުގަދަ ލީޑަރަކީ ރައީސް މުޢިއްޒު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސަކީ ޤައުމުގެ މުސްތަޤުބަލު ބިނާކުރަން ކެރިވަޑައިގަންނަވާ، ޤައުމުދެކެ އިންތިހާއަށް ލޯބިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، އަބްދުއްރަހީމް ވަނީ ވަރަށް މުހިންމު ޔަޤީންކަމެއް ދެއްވާފައެވެ.
އެގޮތުން، ރައީސް މުޢިއްޒަކީ ރާއްޖޭގެ ތާރީޚުގައި ޖެހިޖެހިގެން ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާނެ ފުރަތަމަ ރައީސަށް ވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްގޮތަކަށް ވެސް ޝައްކުނުކުރައްވާތި، މާޔޫސްވެވަޑައިނުގަންނަވާތި. އިރާދަކުރެއްވިއްޔާ ﷲ ސުބުޙާނަހޫވަތަޢާލާގެ ހެޔޮ ރަޙްމަތްފުޅުން 2028 ވަނަ އަހަރު މި ޤައުމުގައި ބޭއްވޭ ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. އެކަން ކުރާނީ ދިވެހިރައްޔިތުންގެ އިޙްތިރާމާއި ލޯބި ހޯދައިގެން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ޖަލްސާގައި ޕީއެންސީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެފައިވެއެވެ. އަބްދުއްރަހީމްގެ ވާހަކަފުޅުގައި ބޮޑަށް ބާރުއެޅުއްވީ ސަރުކާރު ހިންގާ ކޯލިޝަންގެ އެއްބައިވަންތަކަމާއި، ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކުގެ މައްޗަށެވެ.