ދުނިޔެ
ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށް، ތެޔޮ އުފުލާ ފުރަތަމަ ބޯޓު ދެކުނު ކޮރެއާއަށް ބަނދަރުކޮށްފި
ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރި ފުރަތަމަ ބޯޓު -- ފޮޓޯ : އަޖޫ ޕްރެސް
އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ދަނޑިވަޅެއްގައި، އެ ސަރަހައްދު ހުރަސްކޮށް ތެޔޮ އުފުލާ ފުރަތަމަ ބޯޓު ދެކުނު ކޮރެއާއަށް ބަނދަރުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޯލްޓާގެ ދިދަ ޖަހާފައިވާ "އޮޑެސާ" ނަމަކަށް ކިޔާ މި ބޯޓު ދެކުނު ކޮރެއާގެ ސޯސަންގެ އައްސޭރިފަށުގައިވާ ބަނދަރަކަށް ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން ހެނދުނު 6:00 ހާއިރުއެވެ.
ގާތްގަނޑަކަށް އެއް މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ހިފައިގެން ދަތުރުކުރި މި ބޯޓު ދެކުނު ކޮރެއާއަށް ދިއުމަކީ، އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރުމުގައި ކުރިމަތިވެފައިވާ ދަތިތަކާއެކު، ހަކަތައިގެ ރައްކާތެރިކަމާ މެދު އެ ގައުމުން ކުރަމުންދިޔަ ކަންބޮޑުވުންތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ސިނާއީ ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި، މި ބޯޓުގައި ހުރި ތެޔޮ ސާފުކުރުމަށްފަހު، ޕެޓްރޯލާއި ޑީސަލް ފަދަ ތެލުގެ ބާވަތްތަކުގެ ގޮތުގައި އެ ގައުމުގެ އެތެރޭގެ ބާޒާރަށް ސަޕްލައި ކުރާނެއެވެ.
މި ބޯޓު ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު، ކަނޑުއޮޅި ބަންދުކުރުމަށްފަހު ކުރު މުއްދަތަކަށް ލުއި ދިންވަގުތުގައެވެ.
މީގެ އިތުރުން، ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، ޔޫއޭއީގެ އައްސޭރިފަށުން ދަތުރުކުރަނިކޮށް ގޮވުމަކާއެކު އަލިފާނުގެ ހާދިސާއެއް ހިނގި ދެކުނު ކޮރެއާގެ "އެޗްއެމްއެމް ނާމޫ" ބޯޓު މިހާރު ވަނީ ދުބާއީގެ ބަނދަރަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ބޯޓު ދުބާއީ ބަނދަރަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
މި ބޯޓުގައި އެއްޗެއް ގޮވާފައިވަނީ އީރާނުން ދިން ހަމަލާއެއްގައި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާ މެދު ވަކި ގޮތެއް ނިންމާނީ ތަހުގީގުތައް މުޅިން ނިމުމުން ކަމަށެވެ. ޕެނަމާގެ ދިދަ ޖަހާފައިވާ މި ބޯޓަކީ ދެކުނު ކޮރެއާގެ ޝިޕިން ކުންފުންޏެއް ކަމަށްވާ އެޗްއެމްއެމް ކޯ އިން އޮޕަރޭޓް ކުރާ ބޯޓެކެވެ.