ޚަބަރު
ތޫނު އެއްޗަކުން ހަމަލާދީ 49 އަހަރުގެ މީހަކު ޒަހަމުކޮށްލައިފި
ހުސެއިން އާދަމް ބިލްޑިންގ-- ފޮޓޯ : ޕީއެސްއެމް
މާލޭގައި ރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ޒަހަމުކޮށްލައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު އެ ހޮސްޕިޓަލުން ފުލުހުންނަށް ކޮށްފައިވަނީ ރޭ ދަންވަރު 00:09 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ ނާޒިމް ސައްތާރަށް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އޭޑީކޭ ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އޭނާއަށް މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހަމަލާ ދީފައިވަނީ ކޮން ބައެއްކަމާއި، ހަމަލާ ދޭން މެދުވެރިވި ސަބަބު ފުލުހުންނަށް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ މުއައްސަސާއިން ދަނީ ވަރަށް ބޮޑަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާ ހިނގި ސަރަހައްދާއި މައްސަލައިގެ އިތުރު ތަފްސީލު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.